މިދިޔަ މަހު ލިބުނު އާމްދަނީ ވެސް ދަށްވެއްޖެ، އަހަރުގެ މިހާތަނަށް 10 ބިލިއަން ރުފިޔާ

ޓެކްސްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށް ވެފައި ވިޔަސް، މި އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވެ 10 ބިލިއަން ރުފިޔާ އަށް އަރައިިފި އެވެ.


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެއް ބިލިއަން ރުފިޔާ ބަލައިގަތް އިރު، އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު ވަރަށް ވުރެ 13.4 ޕަސެންޓް ދަށް އަދަދެކެވެ. އެކަމަކު، އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ 57.2 ޕަސެންޓް އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ބަލައިގަތީ ޖީއެސްޓީ (556.64 މިލިއަން ރުފިޔާ/ 55.4 ޕަސެންޓް) ކަމަށް ވާއިރު، ވިޔަފާރީގެ ފައިދާ އިން ޓެކްސްގެ ގޮތުގައި 194.59 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 19.4 ޕަސެންޓް) ވަނީ ދައްކާފަ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 54.24 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 46.47 މިލިއަން ރުފިޔާ އަދި ބިމު ކުލީގެ ގޮތުގައި 58.3 މިލިއަން ރުފިޔާ ބަލައިގަތެވެ.

"... އަލަށް ކުއްޔަށް ދޫކުރި ރަށްތަކުން ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ލިބިފައިވާ އަދަދު އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 11 ގުނަ އިތުރު އަދަދެއް ލިބިފައިވުން އެއީ ވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބެވެ،" ތަފާސްހިސާބުތަކާ އެކު ނެރުނު ބަޔާނެއްގައިވެ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ހުލާސާ:

- ޖީއެސްޓީ: 556.64 މިލިއަން ރުފިޔާ (55.4 ޕަސެންޓް)

- ބީޕީޓީ: 194.59 މިލިއަން ރުފިޔާ (19.4 ޕަސެންޓް)

- ބިމު ކުލި: 58.3 މިލިއަން ރުފިޔާ (5.8 ޕަސެންޓް)

- ގްރީން ޓެކްސް: 54.24 މިލިއަން ރުފިޔާ (5.4 ޕަސެންޓް)

- އެއާޕޯޓް ސާވިސް ޗާޖު: 46.47 މިލިއަން ރުފިޔާ (4.6 ޕަސެންޓް)

ޓެކްސްގެ ގޮތުގައި މިދިޔަ މަހު ލިބުނު މިންވަރު މަދުވިޔަސް، މިދިޔަ މަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ 10.28 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.

އޮގަސްޓް މަހު ލިބުނު އާމްދަނީ ދަށަށް ދިޔައިރު، އޭގެ ކުރީ މަހު ބަލައިގަތް ވަރު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން، ޖުލައި މަހު މީރާ އިން ބަލައިގަތް 1.35 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 17.2 ޕަސެންޓް ދަށް އަދަދެކެވެ.

ދައުލަތުގެ މި އަހަރުގެ 27.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 21.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޯދަން ނިންމާފައިވަނީ ޓެކްސް އިތުރުކޮށްގެންނާއި އާ ޓެކްސްތައް ނަގައިގެންނެވެ. އެ ގޮތުން، މިހާރު ވަނީ ގްރީން ޓެކްސް ނަގަން ފަށައިފަ އެވެ.