ޖަރުމަން މީހެއްގެ އަތުން ހޯދި 480،000ރ. ދައްކަން އެންގީ ރަނގަޅަށް: ހައި ކޯޓް

ޖަރުމަނު އަންހެނަކު ދެ ދިވެއްސަކަށް ދިން 26،000 ޔޫރޯ (484،000ރ.) އަކީ ހަދިޔާއެއްގެ ގޮތުގައި ދިން ފައިސާކަން އެ ދެ މީހުންނަށް ސާބިތުކޮށް ނުދެވުމުން، އެ ފައިސާ އަނބުރާ ދައްކަން ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.


ޖަރުމަނު ރައްޔިތެއް ކަމަށްވާ މާރިއޯން އެރެންޑިޓްގެ ފަރާތުން ދެ ދިވެއްސަކާ ދެކޮޅަށް ދައުވާކުރީ އޭގެ ތެރެއިން އެކަކު މާރިއޯންއާ ކައިވެނި ކުރާނެ ކަމަށް ބުނެ އޭނާގެ އަތުން ފައިސާ ހޯދި ކަމަށް ބުނެ އެވެ. އެ މުއާމަލާތުގައި ހިމެނޭ ދެ ވަނަ މީހާއަކީ މާރިއޯން ފޮނުވި ފައިސާ ޖަމާވި އެކައުންޓުގެ ވެރި ފަރާތެވެ. އެކި ފަހަރު މަތިން ޖަމާކުރި އެ 26،400 ޔޫރޯ އަނބުރާ ހޯދަން މާރިއޯން ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވެސް ހުކުމްކޮށްފައި އޮތީ އެ ފައިސާ އެ ދެ މީހުން އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ.

އެ ފައިސާއަކީ ފައިސާ ލިބުނު ދެ މީހުންގެ ތެރެއިން އެކަކާ މާރިއޯންއާ މެދު އޮތް ގާތްކަމެއްގެ ސަބަބުން ދިން ފައިސާ ކަމަށާއި އެއީ ފައިސާ ލިބުނު ދެ މީހުން އެދިގެން ލިބުނު ފައިސާއެއް ނޫން ކަމަށް އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ލިބުނު ކަމަށް ދެ މީހުން ވެސް އެއްބަސްވާ އިރު ފައިސާ ޖަމާވެފައިވަނީ އެކި ފަހަރު މަތިން ކަމަށްވާތީ އެއީ އެ ދެ މީހުންނަށް އެނގިގެން ހިނގާފައިވާ މުއާމަލާތްތަކެއް ކަން އެނގޭ ކަމަށެވެ. އަދި އެ ފައިސާއަކީ އެއްވެސް ބަދަލެއް ނެތި، ހަދިޔާއެއްގެ ގޮޮތުން ދިން ފައިސާއެއް ކަން ސާބިތުކޮށް ދިނުމަކީ ފައިސާ ލިބުނު ދެ މީހުންގެ ޒިންމާއެއް ކަމަށާއި އެހެން ނަމަވެސް އެ މީހުންނަށް އެކަން ސާބިތުކޮށް ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އެކި ގައުމުތަކުގެ ބައެއް މީހުން އަތުން ދިވެހިން އެ ގޮތަށް ހޯދި ފައިސާތައް އަނބުރާ ދައްކަން މީގެ ކުރިން ވެސް ކޯޓުތަކުން ހުކުމްކޮށްފައިވެ އެވެ. އެ ގޮތުން ސްވިޓްޒަލޭންޑް މީހެއްގެ އަތުން ދިވެއްސަކު ހޯދި ފައިސާތަކަކާއި ޖަޕާނު މީހެއްގެ އަތުން ދިވެއްސަކު ހޯދި ފައިސާއަކީ ވެސް ހަދިޔާއެއް ކަން ސާބިތުކޮށް ނުދެވުމުން އެ ފައިސާ އަނބުރާ ދައްކަން ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ.