ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރަން މަޖިލީހުން ރުހުން ދީފި

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށް، މަޖިލިސް ޗުއްޓީ އަށް ހިނގައްޖެ އެވެ.


މިރޭ 9:00 ގައި ބޭއްވި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަސީހު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް

ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމައި، އެ އެއްބަސްވުން ކުރިއަށް ގެންދަން ނިންމީ އެންމެ ބައިގަޑިއިރު ތެރޭގައި މާބޮޑު ދިރާސާއަކާ ނުލައި އެވެ.

ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހެޅި، އަދި އަވަސް އަރުވާލައިގެން މި މައްސަލާގައި ގޮތެއް ނިންމުމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް ދަނީ ސަރުކާރަށް ފާޑުކިއުންތައް އަމާޒު ކުރައްވަމުންނެވެ.

"ފްރީ ޓްރޭޑް އެގްރީމެންޓް ބިޓްވީން ދަ ގަވަމެންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަމެންޓް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް" ނަމުގައި ކުރިއަށް ގެންދާ އެއްބަސްވުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ކަރުދާހުގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށް އެނގިފައިވެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ފަހު، މި އަހަރުގެ ތިން ވަނަ ދައުރު މަޖިލީހުގެ ޗުއްޓީ ވަނީ ފެށިފަ އެވެ. މަޖިލީހުގެ ދެން އަންނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ތިން ވަނަ ދަައުރު ނިމުމުން ދެ މަސް ދުވަހަށް މަޖިލިސް ޗުއްޓީ ވާނެ އެވެ.

އެކަމަކު، އޭގެ ކުރިން ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވަން ފެނިއްޖެ ނަމަ، މަޖިލީހުގެ ގަވާއިދުގައި އެ ފުރުސަތު އޮވެ އެވެ. މި އަހަރުގެ ތިން ވަނަ ދައުރަކީ މާ ބޮޑު މަސައްކަތެއް ނެތް، އެންމެ މަދުން ޖަލްސާތައް ބޭއްވި ދައުރަށް ވާނެ އެވެ.