ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އިންޑިއާއަށް އަރައި ގެއްލުންތަކެއް ލިބެމުންދާތީ އެ ދެ ގައުމަށް ގުޅަން ޚާއްސަ ރޭޓެއް ދިރާގުން ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ދިރާގުގެ ކަސްޓަމަރުންނަށް ޚާއްސަ ރޭޓުގައި މިނެޓަކަށް 2ރ. ގެ ރޭޓުން ލަންކާ އަށް ގުޅޭއިރު، މިނެޓަކަށް 99ލ. އަށް އިންޑިއާ އަށް ގުޅޭނެ ކަމަށެވެ.
ދެ ގައުމަށް ގުޅަން ހާއްސަ ރޭޓެއް ތައާރަފްކުރީ ލަންކާ އާއި އިންޑިއާގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ އިތުރުން އުރީދޫން ވަނީ ދެ ގައުމަށް ގުޅުމަށް ޚާއްސަ ރޭޓެއް ތައާރަފްކޮށްފަ އެވެ. އެގޮތުން މިނެޓަކަށް 2.09ރ. ގެ ރޭޓުން ލަންކާއަށް ގުޅޭއިރު، މިނެޓަކަށް 99ލ. އަށް އިންޑިއާއަށް ގުޅޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
ލަންކާ ސަރަހައްދުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖެއަށް ވެސް އަންނަނީ މޫސުން ގޯސްވެ ބޯކޮށް ވިއްސާރަ ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.