ޚަބަރު / އިދިކޮޅު ފަރާތްތައް

ކުށްތަކާ ދުރު ހެލިވެ، ޑިމޮކްރެސީއާ އެއްގޮތަށް ގައުމު ހިންގަން ޖާގަ ދޭންޖެހޭ: ވަހީދު

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު (ވ) ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

16 ޖެނުއަރީ 2018 - 19:11

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން، މަޖިލީހަށް ވަނަ ނުދިނުމަށް މުއައްސަސާތަކުން ކުރާ މަސައްކަތަކީ ކުށެއް ކަމަށާއި އެ ކުށުން ދުރުވާންޖެހޭ ކަމަށް، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ބޭރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ނިންމުމެއްގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނުނިންމާ ހިނދަކު، އެއްވެސް މުއައްސަސާއަކަށް، މެމްބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލަށް ވުޖޫދު ނުކުރެވޭނެ އެއްވެސް ގާނޫނެއް އެގޮތަކަށް، އެއްވެސް ތާކުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެރިންގެ ހިތްތަކުގައި އޮންނަ އެއްޗެއް ނޫން. އެއީ ލިޔެވި އެންމެންނަށް އެނގޭ ގޮތަށް ގާނޫނެއް ގޮތަށް ބަދަލުވެ، ތަސްދީގުކޮށް، އެއަށް އަމަލު ކުރަން ފެށުނީމަ އޮންނަ އެއްޗެއް،" ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ހޯދަން ބައެއް މެމްބަރުންނާއެކު ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވި އެވެ.

"އަމަލު ކުރަން ފަށާފައި ހުރި ހުރިހާ ގާނޫނެއްގައި އޮތީ އަޅުގަނޑުމެންގެ ގޮނޑި ނުގެއްލޭ ކަމަށް."

މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. ވަހީދު ވިދާޅުވީ މެމްބަރުންގެ ގޮތުގައި ތިއްބަވަނިކޮށް، މަޖިލީހުގެ އިދާރާއަށް އެ ބޭފުޅުން ވަނުމަށް ހުރަސް އަޅާ ކޮންމެ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

"އެއީ ފުލުހުން ކަމުގައި ވިޔަސް، ސިފައިން ކަމުގައިވިޔަސް، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ބައެއް ކަމުގައި ވިޔަސް، އެ ކުރަނީ ކުށެއް. އެ ކުށްތަކާ ދުރުހެލިވޭ،" ގާނޫނީ ވަކީލު ވަހީދު ވިދާޅުވި އެވެ.

އޭނާ ވަނީ މިނިވަން މުއައްސަސާތަކުން ކުށްތަކާ ދުރުހެލިވެ، ގާނޫނީ ހަމަތަކުގެ މަތިން ގައުމު ހިންގުމަށާއި ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައި އޮންނަތާ އެތައް ދުވަހެއް ވީއިރު، މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށެވެ. އެކަމަކު، ތިން ދުވަސް ވެގެން ދިޔައިރު ވެސް، ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް ނުވެ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކޯޓަށް ވަޑައިގަތުމުން ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނީ ފޯމެއް ފުރައިގެން ކަމަށް ކޯޓުން އެންގި ކަމަށެވެ. އެކަމަކު، ފަހުން ކޯޓުން ބުނެފައި ވަނީ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނީ ވަކިވަކިން ސިޓީ ހުށަހަޅައިގެން ކަމަށް އެންގި ކަމަށެވެ.

އެހެންވެ، ވަކިވަކި ފަނޑިޔާރުންނަށް މިހާރު ސިޓީ ފޮނުވާފައިވާނެ ކަމަށާއި މާދަމާ ވެސް ފަނޑިޔާރުންނާ ބައްދަލު ކުރެވޭނެ ގޮތެއްވޭތޯ ބެލުމަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އީސީއަށް ވަނީ އަމާޒުވެފަ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454