އެއް އަހަރުވިއިރު، ޖުޑިޝަރީން އިންސާފު ހޯދައި ނުދިނީތީ ހިތާމަކުރަން: އަމީތު

ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ޝަރުއީ ދާއިރާގެ ތެރެއިން އިންސާފު ނުލިބި އަހަރެއްވީމަ ހިތާމަ ކުރައްވާ ކަމަށް މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގަތް 12 މެމްބަރެއް މަޖިލީހުން ވަކިވެފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން އެ ކޮމިޝަނާ ދެކޮޅަށް ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްސަލަ އިއްޔެ ނިމުނު އިރު، އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. މި ހަތަރު މެމްބަރުންގެ މައްސަލައިގައި ހުކުމް އިއްވަން ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން (ކ-ވ) ސައުދު، ލަތީފް، ވައްޑެ އަދި އަމީތު: އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް ކުރުން.---މިހާރު ފޮޓޯތައް

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަމީތު ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ އަހަރެއްހާ ދުވަސް ފަހުން ތާވަލްކޮށްގެން ކޯޓުގައި ކުރިއަށްދާތީ އެކަމާ އުފާވާ ކަމަށެވެ. އެކަމަކު، ވޭތުވެދިޔަ އަހަރަކަށްވުރެ ގިނަ ދުވަހު، ދާއިރާގެ ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ނުލިބުމުން ހިތާމަ ކުރައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި 5000 ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ. އެގޮތުން، ބަޖެޓުގެ މަސައްކަތް ކުރުމަށާއި ގާނޫނުތަކުގެ މަސައްކަތް ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނިންމި އެއްވެސް ނިންމުމެއްގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ނުވި ނަމަވެސް، މެމްބަރުން މަޖިލިހަށް ވެންނެވުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުގައި، އަމީތު މިސާލު ނެންގެވީ ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކަށެވެ.

މީގެ ކުރިން ދައުލަތުން ބުނި ގޮތުގައި އަމީތު ޕީޕީއެމުން ވަކި ކުރީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުންނެވެ. އެކަމަކު، އަމީތު ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިވި ކަން މާޗް 29، 2017 ގައި، އިލެކްޝަންސް ކޮމިޝަންގައި ރައީސް އަހުމަދު ޝަރީފަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިސްތިއުނާފް ކުރަން ލިބުނު ފުރުސަތުގައި އެކަން ކުރައްވާފައި ނުވާނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕީޕީއެމްގަ އެވެ.

"އެހެންވީމަ، މިއީ ހުކުމަށް އަޅުގަނޑު ފެއްތުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ދެކެނީ. އަޅުގަނޑު ދެވަނަ ފަހަރަށް ޕީޕީއެމަށް ވަދެފައި ނުވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައަށް ހައްލެއް ނުލިބުމުގެ ސަބަބުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މެމްބަރުންނަށް ދިމާވެފައިވާ ހުރަސްތައް ޖުޑިޝަރީ ތެރެއިން ނައްތާލުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

12 މެމްބަރުންގެ ގޮނޑި ގެއްލުވައިލި ކަމަށް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް އަބްދުﷲ ޔާމީން އިއުތިރާފްވެވަޑައިގެންނެވި ވާހަކަ އިން އަމީތު ވާހަކަ ކުރިއަށް ގެންދެވުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެ ވާހަކަ ވަގުތުން ހުއްޓުވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި އެކިއެކި ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކަކީ މައްސަލަ ނިންމުމުގައި ރިއާޔަތް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމަކީ ސުޕްރީމް ކޯޓުން ހުއްދަ ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން، އަމީތު ވާހަކަ ދެއްކެވުމާ ގުޅިގެން، އެ މައްސަލަ ވެސް އުއްތަމަ ފަނޑިޔާރު ވަނީ ހުއްޓުވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއް ކަން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ އެއްވެސް ހަމައެއް ނެތި، "ދެ ލޯ މަރާލައިގެން" ތިބެ ހައްގުތައް ނިގުޅައިގަތުމަކީ ނުބައި ނަތީޖާތަކެއް ނުކުތް ކަމެއް ކަމަށެވެ. މިއީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރަން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއްވެސް ބަޔަކު "އަނިޔާވެރި ޒާލިމުންނަށް" ވެގެން ނުވާނެ އެވެ.

އަމީތު ވިދާޅުވީ މިހާ ގިނަ ދުވަސް ވީއިރު، މެމްބަރުންގެ ގޮނޑީގެ މައްސަލައަށް ސުޕްރީމް ކޯޓުގެ ތެރެއިން ހައްލެއް ނުލިބި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މެމްބަރުންގެ ގޮނޑި ގެއްލޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށާއި މިކަމަށް ސުލްހަވެރި ހައްލެއް ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު އެދެނީ، މި މައްސަލައިގައި ވީހާ ވެސް އަވަހަކަށް، އިންސާފުވެރި ހުކުމެއްކޮށް، މަޖިލިހުގެ މަސައްކަތުގައި އުޅެވޭނެ މަގު ފަހިކޮށް ދިނުން،" އަމީތު ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވިކަން އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނަ ތާރީހު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އޭރުގެ ފުލް ބެންޗުން މީގެ ކުރިން ބާއްވާފައިވެ އެވެ. އަދި އެ މައްސަލަ ބަލައި ނިންމިކަން ވެސް އޭރު ކޯޓުން އިއުލާންކުރި އެވެ. ނަމަވެސް އެ މައްސަލަތައް ހުކުމަކާ ހަމައަށް ނުގޮސް، ދިގުލައިގެން ވަނީ ގޮސްފަ އެވެ.

ނަމަވެސް ފެބްރުއަރީ 1 ގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ބައެއް ކުށްވެރިން ދޫކުރަން އަންގައި ނެރުނު އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ އެއް ދައުވާ ސާބިތުވެ، މަގާމުން ވަކިވުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.

އެހެންވެ، މިއީ އެ މެމްބަރުންނާ މެދު ހުކުމެއް ކޮށްފައި ނުވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.