ރޯޔަލް އައިލެންޑް ރިސޯޓް ފިޔަވައި ވިލާ ހޮޓެލްސް އިން ހިންގާ ހުރިހާ ރިސޯޓްތަކުގައި ހުރި ބަނގުރާތަކާއި އޫރުމަސްތައް އެ ރިސޯޓްތަކުން ބާލައިގެން ގެންދަން ކަސްޓަމުން މަސައްކަތް ފަށައިފި އެވެ.

ވިލާ ހޮޓެލްސްގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެތެރެ ކޮށްފައި ހުރި އޫރުމަހާއި ހުރިހާ ބަނގުރާ އެ ރިސޯޓްތަކުން ބާލައިގެން ގެންދާނެ ކަން ކަސްޓަމުން މިހާރު ވަނީ އެ ރިސޯޓްތަކަށް އަންގައިފަ އެވެ. އެ ގޮތުން ސަން އައިލޭންޑް ރިސޯޓާއި، ޕެރަޑައިސް އައިލޭންޑް ރިސޯޓާއި ހޮލިޑޭ އައިލޭންޑް ރިސޯޓް އަދި ފަން އައިލޭންޑް ރިސޯޓްގައި ހުރި އެފަދަ ހުރިހާ އެއްޗެއް ބަލައި ކަސްޓަމްގެ ލޯންޗުފަހަރު އަންނާނެ ކަމަށް މިހާރު ވަނީ އަންގައިފަ އެވެ.

އެ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން، ރެއިން ފެށިގެން ކަސްޓަމުން ވިލާގެ ރިސޯޓްތަކަށް އަރައި ބަލައި ފާސްކުރުމަށް ފަހު، އެ ރިސޯޓްތަކުގައި ހުރި އޫރުމަހާއި ބަނގުރާ ގެންދަން ޖެހޭ ކަން ކަސްޓަމުން އެންގީ މި ރެ އެވެ. އެ ރިސޯޓްތައް ބަލައި ފާސްކުރުމަށް ކޯޓުން ދިން އަމުރުގައި ވެސް، އެ ތަކެތި އެ ރިސޯޓްތަކުން ބާލައިގެން ގެންދިޔުމަށް އަމުރު ދީފައި ނެތަސް ވެސް، "އެ ތަކެތި މި ރިސޯޓްތަކުން އެބަ ގެންދެން ޖެހޭ" ކަމަށް ކަސްޓަމްސް އޮފިސަރުން ވިދާޅުވާ ކަމަށް އެ އޮފިޝަލް ވެސް ވިދާޅުވި އެވެ.

ވިލާ އިން ހިންގާ އެންމެ ބޮޑު ރިސޯޓް ކަމަށްވާ ސަން އައިލޭންޑް ރިސޯޓްގައި ވެސް ހާހަކަށް ވުރެ ގިނަ ޓޫރިސްޓުން އެބަތިބި ކަމަށް ވިލާ ހޮޓެލްސް އިން ބުނެ އެވެ. އެހެންކަމުން، ކަސްޓަމްސްގެ އޮޕަރޭޝަނަށް އެއްބާރުލުން ދެމުން ދަނިކޮށް ވެސް، ކޯޓު އަމުރާ ޚިލާފަށް ކަސްޓަމުން އެ ގޮތަށް އަމަލު ކޮށްފި ނަމަ، އެ ރިސޯޓްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ވިލާ އިން ބުނެ އެވެ.

ވިލާ އިން ބުނި ގޮތުގައި ކަސްޓަމުން އެ ރިސޯޓްތަކުގައި ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ރިސޯޓްތަކުގެ ބާތައް ބަލައި ފާސްކުރީ ވެސް އެ ބާތަކުގައި ޓޫރިސްޓުން ތިއްބަ އެވެ.

ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ރަލާއި އޫރުމަސް ދޫކުރާ ތަން ފިޔަވައި އެހެން ތަނަކަށް ގެންދޭތޯ ބެލުމުގެ ނަމުގައި ވިލާގެ ރިސޯޓްތަކަށް އަރައި މިހާރު ހިންގަމުންދާ އޮޕަރޭޝަނާ ބެހޭ ގޮތުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އެއީ ވަކި ކުންފުންޏެއްގެ ރިސޯޓަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސް އިން ހިންގާ ސަން އައިލެންޑް ރިސޯޓް ފާސްކުރަން ނެރުނު އަމުރުގައި އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ، ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓުގެ ނަމުގައި ދޫކުރި ބަނގުރާ، ސަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެކި ހޯދުމެވެ.