މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން ފްލެޓުތައް ހޯއްދަވަން ރިޝްވަތުގެ އެއްވެސް އަމަލެއް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިންގަވާފައި ނުވާނެ ކަމަށް އެ ބޭފުޅުންގެ ފަރާތްޕުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، އެހެން ވިދާޅުވިއިރު، މާލެއިން ފްލެޓްތަކެއް ބައްލަވައިގަންނަވަން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދެ ބޭފުޅަކު ހިންގެވި މުއާމަލާތްތަކުގެ ކިތާބީ ހެކި ހިމެނޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ފްލެޓެއް ބައްލަވައިގަތުމުގެ އެ މުއާމަލާތުގައި ބައިވެރިވެވަޑައިގެންފައިވާއިރު އެކަމުގައި ރިޝްވަތު ހިމެނޭ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ހަސަން ދިރިއުޅުއްވާ ގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފާސްކޮށްފައިވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު އިއްޔެ ބާތިލްކޮށްފަ އެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ގުޅޭ އެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަންގެ ފަރާތްޕުޅުން "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެ ތިން ބޭފުޅުން އެޕްލައި ކުރެއްވީ އަރަބިއްޔާ އާއި ގާކޮށީގެ ފްލެޓްތަކުން ތަނެއް ބައްލަވައިގަންނަވަން ކަމަށެވެ. އަދި އެ ތިން ބޭފުޅުން އެޕްލައި ކުރައްވަން ނިންމެވީ ސަރުކާރުގެ އިސް އޮފިޝަލަކު އެކަމަށް ހުށަހެޅުއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް އެޕްލައި ކުރެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޮންލައިން ޕޯޓަލް މެދުވެރިކޮށް، ފްލެޓް ގަންނަން އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލުމުންނެވެ.

"އަލީ ހަމީދު ކުރެއްވި ކަމަކީ އާއިލާގެ ދެ ބޭފުޅަކު ފްލެޓް ގަތުމަށްޓަކައި ފައިނޭންސް ހޯދުމަށް ބޭންކުން ގެރެންޓީ ލެޓާ ހޯއްދަވައި ދެއްވުން. އެކަން ކުރެއްވީ އެ އޮންނަ އުސޫލުގެ ތެރެއިން. އަލީ ހަމީދަކީ އެ ފްލެޓްތައް ގަތުމަށްޓަކައި ހަމައެކަނި ގެރެންޓާ. އެއީ ސީދާ އަލީ ހަމީދު ބައްލަވައިގަންނަވާ ފްލެޓެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ފްލެޓް ބައްލަވައިގަންނަވަނީ، ސީދާ އެ ބޭފުޅުން ބޭނުންފުޅުވެގެން ކަމަށް އާއިލާއިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 31ގަ އެވެ. އެތަނުން ފްލެޓެއްގެ އަގު ދެ މިލިއަން ރުފިޔާއަށް އަރަ އެވެ.