ވަޅި ހިފައިގެން ތިބި ގްރޫޕަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ކައިރިއަށް ރޭ ދަންވަރު ގޮސް ބިރުދެއްކުމުން އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޅި ހިފައިގެން ތިބި ބަޔަކު އެމަނިކުފާނު ގެކޮޅު ކައިރިއަށް އެކި ފަހަރު މަތިން އައިސް ހުތުރު އެއްޗެހި ގޮވައި އަޑުގަދަކޮށްފައިވާ ކަމަށެވެ. އެއީ ކޮން ބަޔަކު ކުރި ކަމެއްތޯ ބަލައި ފިޔަވަޅު އަޅަން މައުމޫން ވަނީ ޓުވީޓަކުން ސިފައިންނާއި ފުލުހުންނަށް ގޮވާލައްވައިފަ އެވެ.
މައުމޫން މި ޓުވީޓް ކުރެއްވިތާ އިރުކޮޅެއް ފަހުން ދެ ފުލުހަކު ވަނީ އެންދެރިމާގެ ކައިރީގައި ފޯރިމަރަން ފަށައިފަ އެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އެންދެރިމާގެ ކައިރިއަށް ބަޔަކު އެއްވިއިރު، އެ ގެކޮޅުގައި ސިފައިން އަންނަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ.
މައުމޫންގެ ގާތްބޭފުޅަކު ވިދާޅުވީ އެންދެރިމާގޭގައި ސިފައިން ތިބެނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ނޫން ކަމަށެވެ.
"ބޭނުމަކީ އެތަނަށް ވަންނަ މީހުންނާއި ވައްދާ އެއްޗިއްސާ ބެލުން، އިތުރު އެއްވެސް ކަމެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ކުރިއާ ޚިލާފަށް، މައުމޫން ގެކޮޅުގައި ސިފައިން ތިބޭ ސަބަބާ ގުޅޭގޮތުން އެ މުއައްސަސާ އިން ވާހަކައެއް ނުދައްކަ އެވެ.