މައުމޫންގެ ސުވާލު: ފުލުހުންނާއި ސިފައިން އަދި ކޯޓުތައް ބޭނުންކުރަނީ ސިޔާސީ ގޮތުން ބަލިވީމަތޯ؟

ސިފައިންނާއި ފުލުހުން އަދި ކޯޓުތައް ސަރުކާރުން މިހާރު ބޭނުން ކުރަނީ ސިޔާސީ ގޮތުން ބަލިވީމަތޯ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު އުފައްދަވައިފި އެވެ.


މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންނާއި ސިފައިން އަދި ކޯޓުތައް ސަރުކާރުން ބޭނުން ކުރަނީ ދޭނެ ޖަވާބެއް ނެތީމަތޯ ސަރުކާރާ ސުވާލު ކުރައްވައިފަ އެވެ. އެމަނިކުފާނު ވަނީ ފުލުހުންނާއި ސިފައިން އަދި ކޯޓުތައް ސަރުކާރުން ބޭނުން ކުރަނީ ސިޔާސީ މައިދާނުގައި ބަލިވީމަތޯ ވިދާޅުވެ ސަރުކާރަށް ސުވާލު ކުރިމަތިކޮށްފަ އެވެ.

"ގުޅިފައިވާ ޕާޓީތަކުން މިކުރަނީ ގާނޫނީ އިމުގެ ތެރެއިން ކުރާ އިސްލާހީ މަސައްކަތްތަކެއް،" އިދިކޮޅު ހަރަކާތުގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ މައުމޫން ވިދާޅުވި އެވެ.

މައުމޫން ކުރެއްވި ޓުވީޓު.
މައުމޫން ކުރެއްވި ޓުވީޓު.

ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކާއި ހަރަކާތްތައް ހުއްޓުވައި ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާ އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި އެއްވުންތަކުގައި އުޅޭ އާންމުންގެ މޫނަށް ޕެޕާސްޕްރޭ ޖެހުން ވެސް މިހާރު ވަނީ އާންމު ކަމަކަށް ވެފައިވާ ކަމަށް އިދިކޮޅު މީހުން ބުނެ އެވެ. އެންމެ ފަހުން ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އެ ނޫސްވެރިން ވަނީ ބުނެފަ އެވެ.