ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ސާފު ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.

ސުޕްރީމު ކޯޓުން މިރޭ ނެރުނު އަމުރުގައި ވަނީ، ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.

މި ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އަމުރުކުރި އިރު، މަޖިލީހުގެ ދައުރުން ބޭރުގައި މާދަމާ ބާއްވާ ހާއްސަ ޖަލްސާއެއް އެޖެންޑާކޮށް، ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންނަށް ވަނީ ޖަލްސާ އަށް ދައުވަތު ވެސް ފޮނުވައިފަ އެވެ.

އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ވިދާޅުވީ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް މި އަމުރުގައި ވެސް ބުނެފައިވާ ނެތް ކަމަށާއި މައްސަލަ އޮތީ ހަމަ ކުރިން ވެސް އޮތްގޮތަށް ކަމަށެވެ. އެހެންވެ، ދައުރުން ބޭރުގައި މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގައި އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މިހާރު ތިއްބެވި މެމްބަރުންނާއެކު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވާއިރު މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންވެ، ދައުރުން ބޭރުގައި ބާއްވާ އެ ޖަލްސާ އަށް އިދިކޮޅު މެމްބަރުން ވަޑައިގަތުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ފެބުރުއަރީ 1 ގައި ކޯޓުން ނެރުނު އަމުރުން އަދިވެސް ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެ، އުނދަގޫފުޅުވެފައިވާ ކަމަށާއި އެކި ނަންނަމުގައި ސުޕްރީމު ކޯޓަށް މައްސަލަ ހުށަހަޅަނީ އެހެންވެ ކަމަށެވެ. އަދި އެކި އަމުރުތައް ނެރެގެން ނަމަވެސް އަދިވެސް މި މައްސަލަ ކޮޅެއްގައި ނުޖެއްސޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް، ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް، ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރިޔާޒު ވަނީ ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު ހިމެނެނީ އުއްތަމަ ފަނޑިޔާރާއެކު އެވެ. އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް، ތިން ފަނޑިޔާރުން އަލުން ބަދަލުކޮށް ނެރުމާއި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖަލަށްލައި، ސަރުކާރުން ބޭނުން ގޮތަކަށް އަމުރުތައް ނެރޭތީ ކަންބޮޑުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ތިން ފަނޑިޔާރުން ކުރިން ނިންމާފައިވާ ނިންމުމެއް، އަލުން ބަދަލުކޮށްގެން ނެރުމަކީ އެ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ވެސް ސުވާލު އުފެދޭ ކަމެއް. މިއީ ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމު ކޯޓުން މިރޭ ނެރުނު އަމުރު ދިރާސާކޮށް، އެ މައްސަލައަށް ތަދައްހުލުވުމަށް އިދިކޮޅު ފަރާތްތަކުގެ ވަކީލުންގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ މި އަމުރާ ގުޅިގެން އެ މީހުން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށާއި ކުރިން ރޭވިފައިވާ ގޮތަށް ހަލުއިކޮށް އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

"ކަނޑައެޅިފައިވާ ދުވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޮޑު މުޒާހަރާ ވެސް ބާއްވާނަން. އުނދަގުލާއި ދަތިން ސަލާމަތްވުމަށް ރޭވިފައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އިބޫ ވިދާޅުވި އެވެ.