12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ދާއިމީ ހައްލެއް ނާންނާނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ މައްސަލާގައި ދާއިމީ ހައްލެއް ގެންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކޯޓުތަކުގައި ފަނޑިޔާރުން ތިއްބެވީ ސިޔާސީ ނުފޫޒުގައި "ތާށިވެފައި" ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން މިއަދު ބާތިލު ކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ 12 މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިފައި އޮތް އޮތުމާ ދޭތެރޭގައި އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ. އަދި ހަތަރު މެމްބަރެއްގެ މައްސަލަ ބަލައި ނިންމައި، އިތުރު އަށް މެމްބަރުންގެ މައްސަލަ ބަލަމުން އަންނަ ކަން ހުކުމްގައި ފާހަގަކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ މެމްބަރުންނަށް ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.

"ފުލުހުންނާއި ސިފައިންނަށް އިލްތިމާސް ކުރަނީ 60،000 ރައްޔިތުން ތަމްސީލް ކުރައްވާ 12 މެމްބަރުން ގާނޫނީ ވާޖިބު އަދާކުރުމަށް ފުރުސަތު ދެއްވާށޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުން ތިއްބެވީ ބިރުވެރިކަމެއްގައި ކަމަށެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ "ފޯކަސް" ގެއްލުވާލަން ކުރި ކަމެއް ކަމަށާއި ހުކުމްގައި އާ ވާހަކައެއް ނެތް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މެންބަރެއްގެ ގޮނޑިއާ މެދު ސުވާލެއް އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަން މިއަދު ސާފުވެފައިވާ ކަމަށާއި އެކަމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ރައްޔިތުންގެ މަޖިލީހަށް ގޮތް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އެއާ ހިލާފަށް އެ ދެ ތަނުން ކަންކަން ކުރާނަމަ، އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ފޯކަސް ބަދަލުކުރުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ އެވެ. އަދި ދެ ޓްރެކް ނުވަތަ ތިން ޓްރެކްގައި ވެސް އިދިކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، 12 މެންބަރުންގެ މައްސަލާގައި ކުރަންޖެހޭ ކަންކަން ކުރަމުން، ކެމްޕެއިން ކުރުމުގެ ގާބިލްކަން އިދިކޮޅު ފަރާތްތަކުގައި އެބަހުރި ކަމަށެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރަނިންމޭޓު، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސާފު ޖަވާބެއް ނުލިބި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުން ފެށިގެން 60000 ރައްޔިތުންގެ އަޑު، މަޖިލީހުގައި ނީވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް ވަނީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ސަލާމަތީ ބާރުތަކަށް ގޮވާލައްވައިފަ އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ 12 މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ގޮތް ނުވުމުން އެތައް ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ނުއުފުލި ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. އަދި އެ މެމްބަރުންނަށް ވީހާ ވެސް އަވަހަކަށް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ދިނުމަށް އަނާރާ އެދިވަޑައިގެންނެވި އެވެ.

"ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ވަރަށް ބޮޑު. ގުޅިފައިވާ ޕާޓީތަކުން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ އިންތިހާބު ކާމިޔާބު ކުރުމަށް. އެއްވެސް ހާލެއްގައި ގަބޫލެއް ނުކުރަން 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް. ގާނޫނީ ހަމައަކުން އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ގަބޫލު ނުކުރަން،" އަނާރާ ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި، މިއަދުގެ ހުކުމުން ސާފުވީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމެވެ. އެހެންވެ، މަޖިލީހަށް ވަނުމަށް 12 މެންބަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމަށް ހުރަސް ނޭޅުމަށް ވެސް އަމީތު ގޮވާލެއްވި އެވެ.