ގާނޫނީ ވަކީލް ޝާހީން ހަމީދު
19 ފެބުރުއަރީ 2018 - 18:08
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށް، ކޯޓުތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެ ކަމަށް ވިދާޅުވެ ޖުޑީޝަރީ އިސްލާހުކުރުމުގައި ހުރިހާ ވަކީލުން ގުޅިގެން މަސައްކަތް ކުރުމަށް، ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު ގޮވައިލައްވައިފި އެވެ.
ޝާހީންގެ ލޯ ފާމް، ޕްރިމިއާ ޗެމްބާސްގެ ޓްވިޓާ އެކައުންޓުން، ޝާހީންގެ ނަމުގައި ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ އޭނާ ހުންނެވީ ޖުޑީޝަރީ އިސްލާހުކޮށް ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި މިކަމުގައި އެހެން ވަކީލުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންފައިވެ އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހީން މިހެން ވިދާޅުވެފައި މި ވަނީ، ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން، ޖަލުގައި ތިބި ނުވަ މީހަކު މިނިވަންކުރުމަށް މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ދެ ފަނޑިޔާރުން ހައްޔަރުކޮށް، ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ ކޯޓުގެ އަމުރުން ބައެއް ބައިތައް ބާތިލްކޮށް އަދި ދެން ހުރި ބައިތަކަށް އަމަލުކުރުން ފަސްކުރުމަށް އަމުރު ނެރުއްވައިފަ އެވެ.
With Supreme Court justices taken hostage & courts under military control, the judiciary cannot be independent.
— Premier Chambers (@PremierChambers) February 19, 2018
I stand for an independent judiciary, & call on my fellow lawyers to show their support for a #FreeMVjudiciary #DueProcess & a return to #RuleofLaw
Shaaheen Hameed
ޝާހީންގެ ޓްވީޓް
ޖުޑީޝަރީއާ މެދު ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ގާނޫނީ ވަކީލުން މީގެ ކުރިން ޕެޓިޝަން ހަދައި އެކަމާ ގުޅޭ އެކި މަސައްކަތްތައް ކޮށްފައި ވިޔަސް އެ ކަންކަމުގައި ޝާހީންގެ ބައިވެރިވުން މީގެ ކުރިން ފެނިފައެއް ނުވެ އެވެ. ނަމަވެސް ޝާހީންގެ ކޮއްކޯފުޅު މައުމޫން ހަމީދު ގެންދަވަނީ ޖުޑީޝަރީއާ ގުޅުން ހުރި އެކި މައްސަލަތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. ޝާހީނާއި މައުމޫނަކީ ވެސް ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މި ބޭފުޅުންގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށްފައި ވާއިރު މައުމޫން ހަމީދު މަސައްކަތް ކުރައްވަނީ ރައީސް މައުމޫންގެ ވަކީލެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރީފް
20 February 2018
ޙުރިހާ އެންމެންގެ ފުއްނާބުވެސް ވާނީ ދާދި އެއްވަރެއް. މޮޅު ވާހަކަ ނުދައްކާ
މުޙަންމާކަލޯ
20 February 2018
ފަނޑިޔާރަކަސް ބޭނުންހާ ގޮތަކަށް އަމިއްލަ މަސްލަހުތުގައި މުޅިޤައުމު އިނދަޖައްސާ ނުލެވޭނޭ ކަމުގައިދަންނަވަން. އަޅެ ކިހާ ފައިސާއެއް މިމީހުން ބޭނުންވަނީ..
ނަން
20 February 2018
ނަޝީދު ވެސް ކުރީ ޤާޒީ އެއް ހައްޔަރު... މިހާރު އެހެރީ ޓެރަރިޒަމް ދައިވާ އުފުލާހަ. ޔަމީނުވެސް ކުރީ ގާޒީ އެއް ހައްޔަރު. ޢެހެންމާ ޔާމީނުވެސް ވާނީ ޓެރަރިސްޓަކަށް ނޫންތަ؟ ?
ްިއިބްރާހީމް ހަސަން
20 February 2018
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު މިހާލަތަށް ވެއްޓުމުގެ ޒިންމާ މި "ފުންނާބު އުސް" ވަކީލުންވެސް ނަންގަވަންޖެހޭނެ. އެބޭފުޅުންނަކީ އެދުވަހުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ހުށަހެޅުމުން ބޮލާލާޖެހުމަށްފަހު އެކަމަށް އިންކާރުކުރި މީހުން.
މީ
20 February 2018
ޝާހީންގެ ކޮއްކޮ މައުމޫން? ސީރިއަސްލީ....އައި ތޯޓް ޝާހީން އެއީ މައުމޫނުގެ ކޮއްކޮ ކަމަށް...
އަބްދުއްލާ
20 February 2018
މީދެން ކާކު .ފަނޑިޔާރަކު ވިޔަސް ކުށެއް ކޮށްފިނަމަ އާއްމު އެހެން މީހެކޭ އެއްފަދައިން ހިފާ އައްޔަރުކުރުމަކީ ގާނޫނު އަސާސީގަ ބުނާ ހަމަހަމަކަން ގާއިމްކުރުން ނޫންތަ ؟
އަބްދުބެ
20 February 2018
ކޮށްކޯ ހަމަހަމަ ކަން އޮވެއޭ.. އެކަމަކު އެކަންވެސް ކުރަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިންނޭ..
ޅަ ކުއްޖާ
20 February 2018
ރަގަޅު ވާހަކަ އެއް ފަޑިޔާޔަކުވިޔަސް ޖިނާއީ ކުށެއްކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ. އެއްބަސް ތިކަމާ. އެކަމަކު މައްސަލައަކީ ޖިނާއީ ކުށްކުރުމުން އަދަބު ނުލިބިފަ، ސަރުކާރު ބޭނުން ނޫން ހުކުމެއް އައުމުން ކުޑަގޮޅި ދައްކާތީ. މި ޅަކުއްޖާއަށްވެސް އެނގޭ ސަރުކާރުގެ އަމަލުތަށް މިހާރު ހުންނަނީ ހަމައާއި ބުއްދި ގަބޫލު ކުރެވޭ ހަމަތަކުގެ މަތީގައި ނޫންކަން.
އިންޞާފް
19 February 2018
ތިޔަފަދަ ޢިލްމީ، ޤާބިލް ބޭފުޅުން، އިންޞާފުގެ ހަމައިން ބޭރުނުވެ މިޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ މުޅި ޤައުމުގެ އާދޭސް، ޤައުމަށް ހެޔޮ އެދޭ އެންމެގެވެސް އާދޭސް.
ޝާހީން
20 February 2018
އެކަމަކު އޭގެ މާނައްކީ މަގުމަތީ ލަވަޖަހައިގެން ބޮޑިބަތް ކައްކައިގެން އައުގުރާން ގޮވަމުން އަތްޖަހާ ލަވަކިޔާނެށުމެއް ނޫންދޯ! ހަޑިހުތުރު އެއްޗެތި ގޮވަން އެންމެ ކެރެނީވެސް މިޤައުމުގެ އަންހެނުންނައްކަންވެސް އެގޭނެ މޑޕ ހަރުގެ ކައިރިއައްދިޔައިމަ. ދެން “ލީޑަރުން” ތިބެނީ މިމީހުން ލައްވަ މިހަޑި ހާވުވާފަ އެއްކައިރީގަ އަތްޖަހަން.
ތނސ މމ
19 February 2018
ފައިނަލީ ތިބޭފުޅާ އަށް ވެސް ކެއްނުވެގެން އެއްޗެކޭ ވިދާޅު ވެވިއްޖެ ދޯ. މި ވަގުތަކީ ތި ހުރިހާ އިލްމީ ޤާބިލް ބޭފުޅުން އެކަތި ގަނޑަކަށް ވެ ޤައުމު ވެއްޓިގެން މިދާ އަނދަ ވަޅުން ސަލާމަތް ކުރަންވީ ވަގުތު. ޢެހެން ނޫނީ މި ޤައްދާރު ވެރިކަމުގެ ސަބަބުން ޤައުމު އަނދަވަޅަކަށް ވެއްޓި އަންނަން އޮތްޖީލަށް ކުރިމަތާން ޖެހޭނެ މުސީބާތް އަންދާޒާ ކޮށްލަން ވެސް އުނދަގޫ.
ރަބަރޭ
19 February 2018
ފޭލްޑު ސުޓޭޓް.
ސަރީފް
19 February 2018
ފަނޑިޔާރުންނަށް މިލިއަނުން ލޯނު ދިނުމުން ޖުޑިސަރީ މިނިވަންވާނެތޯ. ކީއްވެތޯ ފެންނަންހުރި ހަގީގަތްތަކުގެ މަށްޗަށް ވާހަކަ ނުދައްކަނީ. އަޅެފަހެ އިދިކޮޅު މީހުންވެސް އެއްވެސް ވަރަކަށް މި ލޯނަކަށް ރައްދެއް ނުދޭ. ހަގީގަތްވީމަ ދެއްތޮ.
ސަރީފާ
20 February 2018
ފުލުހަކު ދޭ ނޫސްބަޔާނަކީ ހެއްކެއްނޫން! ގާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހުނަށް އެކަން އެގޭނެ! އެހެންވީމަ އެވާހަކަ ނުދައްކަނީ!
ސަލީމް
20 February 2018
އެމް ޑީ ޕީ މީހުންނަށް ހެކި ކަމުދާނީ އިޒުރޭލުމީހުންނާއި އިންޑިއާ މީހުން ދިނީމަ އުތަ.