މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

"ބަޣާވާތް"ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މައްޗަށް، ހެކި ނައްތާލުމުގެ ދައުވާ ކުރަން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ފުލުސް އޮފީހުން ބުނީ މި ބޭފުޅުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކުރުމަށް މިއަދު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ފިލައިގެން އުޅުނު މައްސަލަ ވެސް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް މައުމޫނާއި ފަނޑިޔާރުން އަދި ހަސަން ސައީދު ވެސް ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހު ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ނެރުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެ ހަތަރު ބޭފުޅުން ވެސް ހައްޔަރު ކުރީ ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

މި ބޭފުޅުންގެ އިތުރުން، ހަމަ އެ ތުހުމަތު އިތުރު ހަ މީހެއްގެ މައްޗަށް ކުރެ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މައުމޫނާއި ފާރިސް އާއި ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން، ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ލިބިފައި ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، އެ ތިން ބޭފުޅުން އިސްވެ ތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް ޖުލައި 24، 2017 ގައި މަސައްކަތް ކުރި ކަމުގެ ހެކި ވެސް އެބަހުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދު ރާއްޖޭން ބޭރުން ފްލެޓު ބައްލަވައިގަންނަވަން، ރާއްޖޭގެ ބޮޑު ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް، ތުހުމަތުތަކެއް އެކުލެވޭ ގޮތަށް ދީފައިވާ ކަމަށާއި އެކަމުގެ ޑޮކިއުމެންޓްރީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.