އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅުގައި ވަނީ، އިލެކްޝަނަށް ޝަރީފް އައްޔަން ކުރުމާ މެދު މެމްބަރުންގެ މަޝްވަރާއަކަށް އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި އެ ކޮމިޝަނަށް ދެން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފާހަގަކޮށްފައިވެ އެވެ.

ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ގާތްގަނޑަކަށް ހަތަރު މިނެޓަށް ކުރިއަށް ދިޔަ މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އަދި އެޖެންޑާގައި ހަމައެކަނި އޮތީ އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމުގެ މައްސަލަ ކަމާ ގުޅޭ ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލަ އެކަންޏެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުއައްސަސާތަކަށާއި އެހެން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާ ގުޅޭ ބަހުސްތައް މަޖިލީހުގައި ކުރާނީ އެ ނަމެއް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމުންނެވެ. އަދި މާދަމާގެ ވަގުތެއްގައި މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

ޝަރީފް ވަނީ މީގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް ޔާމީނާ ގާތްގުޅުމެއް އޮންނަ ޝަރީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ ޑިސެމްބަރު 26، 2016 ގަ އެވެ. އޭނާ ވަނީ ކުރިން ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ކުރީގެ ޕްރިންސިޕަލް ޝަރީފް މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެއްގެ މަގާމެވެ. އެ މަގާމުން ވަކިވެ، މިއަދާ ހަމައަށް އޭނާ ހުންނެވީ ފެނަކައިގެ އެމްޑީގެ މަގާމުގަ އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސުލެއިމާން އިސްތިއުފާ ދެއްވީ ކޮމިޝަންގެ ރައީސް ކަމަށް ޝަރީފް އައްޔަން ކުރެއްވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ސުލެއިމާނަށް ރައީސް ޔާމީން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަން ދެއްވައިފަ އެވެ. ސުލައިމާން އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ، އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަން މެމްބަރުންގެ ވޯޓުން މިދިޔަ ހަފުތާގައި ފާސް ކުރުމުންނެވެ.