ރަޝްމުގެ ހަށިގަނޑު އޮތީ ޗިސްޗިސް ވެފައި!

އައްޑޫގައި ރޭ ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އެއް ބަޔަކު ބުނަނީ ސައިކަލާއި ކާރު އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ރޭސް ޖަހަނިކޮށް ކުރިމަތިން ދިޔަ ސައިކަލްގައި ޖެހިގެން ކަމަށެވެ. އެކަމަކު އެނގޭ ކަމަކީ، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މި އެކްސިޑެންޓަކީ އައްޑޫގައި މިހާތަނަށް ހިނގި އެންމެ އަނިޔާ ބޮޑު ހާދިސާ ކަމެވެ.


ލިންކް ރޯޑްގެ ކުނިކޮށްޓާ ދިމާލުން ރޭ 7:00 ހާއިރު މި ހާދިސާ ހިނގި އިރު، މަރަދޫކޮޅުން ހިތަދޫ ކޮޅަށް ދުއްވި ކާރުގެ ފަހަތުން އެހެން ކާރެއް ވެސް ހަމަ ރޭސް ޖެހި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ސައިކަލް ދުއްވާފައި ދިޔައީ ހިތަދޫން ފޭދުއަށެވެ. މި ހާދިސާގައި މަރުވި ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް، 28، އަކީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ މުވައްޒަފުންނަށް ބަހުގެ ހިދުމަތް ދޭ ލިއޯ ޝަޓްލްގެ ޑްރައިވަރެކެވެ. އޭނާ އެކްސިޑެންޓްވީ ރޭ ޑިއުޓީ އަށް ދިޔަ މަގުމަތީގަ އެވެ.

އައްޑޫގައި ރޭ އެކްސިޑެންޓްވި ކާރު: ކާރު އެކްސިޑެންޓްވީ ސައިކަލަކާ. ފޮޓޯ/ އައްޑޫލައިވް

"އޭނަ ޑިއުޓީ ހަތަކަށް އަންނަ ޖެހޭތީ ކުޑަކޮށް ލަސްވެގެން އަހަރެމެން ގުޅަން ވެސް ގުޅިން. އެކަމަކު ފޯނެއް ނުނަގާ. އެނގޭ އޭނަ އުޅޭނީ އައުމުގެ މަގުމަތީގައިކަން. އެކަމަކު ވީ ހިސާބެއް ބަލަން ގުޅީމަ ފޯނެއް ނުނަގާ،" ލިއޯގެ މުވައްޒަފަކު ބުންޏެވެ. "ދެން ޑްރައިވް ކުރާތީ ފޯނު ނުނެގީ ކަމަށް ބަލައިގެން ގަބޫލުކޮށްގެން ތިއްބައި އަޑު އިވުނީ އޭނަ އެކްސިޑެންޓްވި ވާހަކަ."

ހަށިގަނޑަށް ލިބުނު ބޮޑެތި ޒަހަމްތަކަކާ އެކު، ރަޝްމުގެ ފުރާނަ ގެއްލިގެން ދިޔަ އިރު، ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި މިއީ އައްޑޫގައި މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން މީހަކަށް އެންމެ ބޮޑެތި އަނިޔާތަކާއި ޒަހަމްތައް ލިބުނު ހާދިސާ އެވެ. ބައެެއް މީހުން ބުނާ ގޮތުގައި ބާރު ސްޕީޑްގައި ދުއްވި ކާރުގެ ކުރީކޮޅުގައި ސައިކަލް ޖެހި، ހިނގި ހާދިސާގައި ކާރުގެ ދަށަށް ރަޝްމުގެ ހަށިގަނޑު ވަދެ، އަތާއި ފައި ލެނބި އެކި ތަންތަނުން ބިންދައިގެން ގޮސްފައިވެ އެވެ. އޭނާގެ ކަނދުރާ ވެސް އޮތީ ބިނދިފަ އެވެ. ފޮޓޯތަކަށް ބަލާއިރު ހަށިގަނޑުގެ އެތެރެއިން އެކި ކަށިތައް މުގުރިފައިވާ ކަމަށް ބެލެވެ އެވެ. ލައިގެން ހުރި އަންނައުނުތައް ވެސް އޮތީ ބޭލިފަ އެވެ. ރަޝްމުގެ އައުރަ ނިވާ ކުރީ، އެކްސިޑެންޓްވި ސަރަހައްދުގައި ތިބި ބަޔަކު، މަގުމަތީ އޮތް އޭނާގެ ގަމީސް އަޅައިގެންނެވެ.

އައްޑޫ އެކްސިޑެންޓްގައި ރޭ މަރުވި ރަޝްމު: ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުނު.

އެކްސިޓެންޓްވި ދެ ވެހިކަލަށް ބަލާ އިރު، ކާރާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ހާއްސަކޮށް ކާރުގެ ކުރީކޮޅު އެއްކޮށް އޮތީ ބަނޑިވެ، ހަލާކުވެފަ އެވެ. އެ ހާދިސާ ހިނގި އިރު، މަރަދޫ ކާރުގައި ތިން މީހަކު ތިއްބެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނި ގޮތުގައި ރަޝްމު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

"ހަށިގަނޑު އެއްކޮށް އޮތީ ޗިސްޗިސް ވެފައި. ކަށިތަކާ އެއްޗެހި އެއްކޮށް ބިންދައިން ގޮސްފައި. އަތާއި ފައި ކަހަލަ ތަންތަން ހުރީ އެނބުރިފައި،" ރަޝްމު އޮތް ހާލަތު ސިފަކޮށް ދޭން ވެސް ދަތިވާކަން ފާހަގަކޮށް، އެޗްއާރްއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝްމުގެ ހަށިގަނޑު ރޭ މޯޗަރީގައި ބޭއްވުމަށް ފަހު މިއަދު ހެނދުނު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާގެ ޖަނާޒާ އަށް އާއިލާ އިން އަންނަނީ ތައްޔާރު ވަމުންނެވެ. ރަޝްމު މަރުވި އިރު، އަންބަކާއި ދަރިއަކު ވެސް ދުނިޔޭގައި އެބަ ތިއްބެވެ.

އެކްސިޑެންޓުގައި މަރުވި ރަޝްމު ދުއްވި ސައިކަލް.---ފޮޓޯ: އައްޑޫލައިވް

ނަޖީބް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ރޭ އިތުރު ތިން މީހަކު ވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ ކާރުގައި ތިބި މީހުންނެވެ. އެކަމަކު އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

"އެކެއްގެ ލޯ ކައިރިން ހުރި ޒަހަމެއްވެފައި. އެ ނޫން މާ ބޮޑު ގެއްލުމެއް ތިން މީހުންނަކަށް ވެސް ނެތް ލިބިފައެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ފޯނު ނުނަގާތީ ރޭގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން ލިބޭ ގޮތެއް ނުވެ އެވެ. އައްޑޫ ފުލުހުން މިއަދު ވަނީ އެކްސިޑެންޓްވި ސަރަހައްދުން ކާރާއި ސައިކަލް ނަގައިފަ އެވެ.