ރާއްޖޭގެ ސިޔާސަތަށް ގައުމުތަކުން ފަޚުރުވެރި ވާންޖެހޭ: ސައީދު

ރާއްޖޭގެ މައްސަލަތައް ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ރާއްޖޭން ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ފަޚުރުވެރިވާން ޖެހޭ ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގްވާމީ މީޑިއާ އަށް ޚާއްސަ ކޮށްގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު މިހެން ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުންނެވެ. ސައީދު ވިދާޅުވީ ދެ ގައުމުގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އިންޑިއާ އަކީ އަދިވެސް ރާއްޖޭގެ "ބެސްޓް ފްރެންޑް" ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި ސައީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ މައްސަލަ އަދި ރާއްޖޭގެ އެހެން މައްސަލަތައް ވެސް މާ ބޮޑުކޮށްލައިގެން ދައްކަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"ސަރަހައްދުގެ ހަމަޖެހުން ނަގާލަން، ސަމާލުކަން އަނބުރާލަން ނަޝީދު ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ،" ސައީދު ވިދާޅުވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން ވަޒަންވެރިވާން ބިން ހޯދަންޖެހޭ ކަމަށް ވިދާޅުވުމަށް ފަހު ނަޝީދު ގޮވައިލެއްވީ ރާއްޖޭގައި އިންވެސްޓްކުރަން ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި ނަޝީދު އަބަދުވެސް މަސައްކަތްކުރައްވަނީ މީޑިއާގެ ސަމާލުކަން ލިބޭނެ ކޮންމެވެސް ވާހަކައެއް ދެއްކެވުމަށެވެ.

"މިހާރު ހިނގަމުން މިދާ ކަންކަމަށް ބަލާއިރު ވެސް، މި ފެންނަނީ ރާއްޖޭގެ ތަރައްގީއަށް ލިބޭ ސަމާލުކަން ގެއްލުވައިލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަތަން. ރާއްޖޭގެ ރައްޔިތުންގެ ހާލަތު މި ސަރުކާރުން ރަނގަޅުކޮށްދީފައިވާކަން އެއީ ހަގީގަތެއް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ދިވެހި ސަރުކާރުން ޗައިނާ އަށް އިސްކަން ދީގެން މަސައްކަތްކުރާ ކަމަށް ނަޝީދު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށާއި އިންޑިއާގެ އިންވެސްޓްމަންޓުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ.

ޝައިނީ ވެސް ވިދާޅުވީ އިންޑިއާ އަކީ އަދިވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެމި އޮންނާނީ ވެސް އެގޮތުގައި ކަމަށެވެ. އިންޑިއާއިން ރާއްޖެއަށް އަސްކަރީ ފިޔަވަޅު އަޅަން ނަޝީދު ގޮވާލެއްވި ނަމަވެސް އިންޑިއާ އިން އިޖާބަ ނުދިނުމަކީ ވެސް ދެ ގައުމުގެ ގުޅުން ބަދަހި މިންވަރު ސާފުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފަދަ، ވާހަކަތަކެއް ނަޝީދު ދައްކަވަމުން ގެންދިޔަ ނަމަވެސް ރާއްޖެ އަށް ގެއްލުންވާނެ ފަދަ އެއްވެސް ފިޔަވަޅެއް އިންޑިއާ އިން ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް އޮތެވެ.

އާޒިމާ ވެސް ވިދާޅުވީ އިންޑި އާއި ރާއްޖޭގެ ގުޅުމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ދެ ފަނޑިޔާރަކު ހައްޔަރުކުރަން ޖެހުނު ސަބަބު ވެސް އިންޑިއާގެ ޑިޕްލޮމޭޓުންނާ އެކު ދިވެހި ސަރުކާރުން ބާއްވާ ބައްދަލުވުންތަކުގައި އޮޅުންފިލުވައިދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި، ސަރުކާރުގެ ވާހަކަތައް އިންޑިއާ އިން ގަބޫލުކުރާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުންގެ ބައެއް ހައްގުތައް ހިފަހައްޓައި ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން، އާޒިމާ ވަނީ ސަރުކާރުގެ ނިންމުންތައް ތަފްސީލުކޮށްދެއްވައިފަ އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކެއްގައި ތިއްބެވި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ސަރުކާރަށް ލިބުނީ ކުއްލި ސިހުމެކެވެ. ސަބަބަކީ، އެފަދަ އަމުރަކީ ގާނޫނުއަސާސީއާ ޚިލާފު އަމުރަކަށް ވުމުގެ އިތުރުން، އެ އަމުރުން، ދައުލަތް ހުއްޓުމުގެ ބިރު އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އަމުރު އައި ސަބަބު، ދައުލަތުން އޮޅުން ފިލުވިއިރު، ދެން ފާހަގަ ކުރެވުނީ ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

މި ސަބަބުތަކާ ހެދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް، ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންނާއި ބިދޭސީންނަށް ވެސް ރައްކާތެރިކަން އޮތް ކަމަށް އާޒިމާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރަމުންދާ ކަމަށް ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާ ވެސް ހިމެނޭ ގޮތުން، ރާއްޖެ އަކީ ޓޫރިޒަމަށް އަދި އިންވެސްޓްމަންޓްތަކަށް ހުޅުވާލާފައި އޮތް ގައުމެއް ކަމަށެވެ. ރާއްޖޭގައި މިހާރު ވެސް އިންޑިއާގެ ގިނަ ކުންފުނިތަކަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި، އޭގެ ތެރޭގައި ބޮލީވުޑްގެ ތަރިން ހިއްސާވާ ރިސޯޓްތައް ވެސް ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ ރޮނގުގައި ރާއްޖެ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަށް މުހިއްމެވެ. އަދި އެ އިންވެސްޓްމަންޓުތަކަށް ރައްކާތެރިކަން އޮތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވެވި އެވެ.