ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޝިފާން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 މާޗް 2018 - 15:32
ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގެ ތެރޭގައި ފުލުހުންގެ ސަފުތައް ރޫޅާލައި ބައިބައިކޮށްލަން ރާވާ "ދަންތޫރައެއްގައި" ނުޖެހި، މާދަމާގެ އެއްވުން ވެސް ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ވެސް ދީފި އެެވެ.
ރައީސް އަބްދުﷲ ޔާމީން "ހުއްޓުވާ" ނަމުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި މާދަމާ ބާއްވަން އުޅޭ އެއްވުމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެއީ ގާނޫނާ ޚިލާފު އެއްވުމެއް ކަމަށެވެ. އެ އެއްވުން ބޭއްވުމުގެ ހުއްދައެއް، ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހޯދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، މާދަމާ ވެސް އިދިކޮޅުގެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ނުދީ، ހުއްޓުވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
"ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ފުލުހުން ބުނެފައިވާއިރު ވެސް އެއްވުމަށް މީހުން އެއްކުރަން އަންނަނީ މަސައްކަތް ކުރަމުން. ގާނޫނީ ސަރުކާރު ހުއްޓުވައި، ވައްޓާލައި، ނިންމާކަށް ފުލުހުން ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތާ އެކު ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ ނަމުގައި، ސަރުކާރަށް އިންޒާރުދީ ޔޫޓިއުބުގައި ރޭ އަޕްލޯޑްކުރި ވީޑިއޯ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެފަދަ ވީޑިއޯތަކާއި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރި ނަމަވެސް ފުލުހުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އެފަދަ އެއްވެސް ދަންތޫރައެއްގައި ފުލުހުން ނުޖެހޭނެ ކަމަށާއި ފުލުހުންގެ ސަފުތައް އެއަށްވުރެން މާ ބަދަހި ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
"ދިވެހި ފުލުހުން ހަމަގައިމު ވެސް މިއަދަކު އެފަދަ ދަންތޫރައެއްގައި ނުޖެހޭނެ. ފުލުހުންގެ ގައުމީ އަދި ގާނޫނީ ވާޖިބު ދިވެހި ފުލުހުންނަށް ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.
މަޖީދީ މަގުގައި މަދު ބަޔަކު އެއްވުންތައް ކުރިއަށް ގެންދިއުމުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް އާއްމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި މިއީ ގިނަ ބައަކަށް ބޮޑެތި އުނދަގޫތަކެއް ގެއްލޭ ކަމަކަށް ވާތީވެ ވިސްނަން ޖެހޭ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ގޮވާލެއްވީ، އިދިކޮޅު އެއްވުމަށް އެއްވެސް ރައްޔިތަކު ނުނިކުތުމަށެވެ. އެ އެއްވުމުގައި ބައިވެރިވުމުގެ ސަބަބުން ރައްޔިތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ފުލުހުން ނުނަގާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޓރިކުލި
16 March 2018
ފުލުހުންގެ ފަރާތުން ރައްޔިތުންނާ ދެކޮޅާށް މާވަރުގަދަ ބަސްތައް ރައްދު ނުކުރުމަށް އެދެން . ފުލުހުންނާދެކޮޅަށް ރައްޔިތުން އަދި ނުނިކުމޭ . ޢުންމީދު ކުރަނީ އެދުވަސް ނާންނާނެ ކަމަށް . ފުލުންނާ ދެކޮޅަށްރައްޔިތުން ނުކުންނަ ދުވަހަކީ ލޭ އޮހޮރޭނެ ދުވަހެއް . ޥީމާ މަޤާމެއް ލިބިފައި އެހީވާނެ ބަޔަކު ތިބި ކަމަކު އެންމެން އެގޮތަކަށް ފުލުހުންގެ ތެރެޔަކުވެސް ނުތިބޭނެ . ބުއްދީގެ ބޭނުން ކުރައްވާ . މީ އިޒްރޭލއްނޫން
ޚަނު ހުންނަ މީހާ
15 March 2018
ކިތަށް ފުލުހުންބާ ގުރުއާނުގެ ދިވެހި ތަރުޖަމާކީ.... ކިތަށް ފުލުހުންބާ ކީރިތި ރަސޫލާގެ ސިޔަރަތު އަޑުއެހީ. ކިތަށް ފުލުންބާ ކުރި ހުވާ ހަނދާންހުރީ. ކިތަަށް ފުލުހުންބާ ގާނޫނު އަސާސީ ކިޔާލީ.
ޫޔާމީން
15 March 2018
ތިތިބީ މާބޮޑު ދަންތުރައެއްގަ ޖެހިފާ! ގައިރުގާނޫނީ އަމުރުތަކަށް ތަބާވެވިފަ! ބޭކާރު އަނގަނުތަޅާ.. ގާނޫނު ތިބޭފުޅުންނަށްވެސް އަރާ ހަމަކުރަން މާގިނަ ދުވަހެއްނެތްހެން ހީވަނީ...
މަންސޫ
15 March 2018
އެންމެންގެވެސް މިނިވަން ހިޔާލުފާޅުކުރުމުގެ ހައްގުވޭ. އެއްވެސް ދުވަހެއް ނާންނާނެ އެންމެންގެ ވިސްނުން އެއްގޮތްވާނެ. ދެން ތިމާގެ ހިޔާލު ތަފާތުވީމަ، އެހެންމީހުންގެ ހިޔާލަށް އިޙްތިރާމްކުރުމަކީ ރިވެތިގޮތް. މިއަދު އޮތް ސަރުކާރަކީވެސް ބަޔަކު ވޯޓުލައިގެން ހޮވުނު ސަރުކާރެއް. ދެން އަންނާނެ ސަރުކާރެއްވެސް އިރާދުކުރެއްވިއްޔާ. އެންމެންވެސް މަރުވާނެ. އަބަދު ވެރިކަމަކުވެސް ނުތިބެވޭނެ ގިޔާމަތްވަންދެން. ދެން ތިމާއާ ހިޔާލު ދެކޮޅުވީމާ އަޑުއުފުލުމަކީވެސް އޮތްކަމެއް. އެކަމު ހައްދުފަހަނަ އެޅުމަކީ ތާޢީދުކުރާކަމެއް ނޫން. ކެތްތެރިވާން ދަސްވާންވެއްޖެ ދިވެހިން. އަބަދުމެ ވެރިކަމުގަހުންނަ މީހަކާ ހިޔާލުތަފާތުވީމަ ގައުމުގެ ގިނަ މަސްދަރުތައް އެނބުރެން މިޖެހެނީ ދުނިޔެވީ ބޭކާރު ކަންކަމުގަ. އިހްތިރާމްކޮށް ދެން އޮންނަ އިންތިހާބެއްގައި ތިމާގެ ވޯޓްލެވުނީމަ އޭގެން ނުކުންނާނެ ނަތީޖާތަކައް އިހްތިރާމް ކުރަންވީ. ތަސައްރަފު ފުދެންވެއްޖެ. ގުނބޯ ނުހެއްދެންވެއްޖެ. ސާބަސް އަހަރުމެން ދިވެހީންނަށް. މާތްﷲ ހެޔޮވިސްނުން ދެއްވާށި.
ޝިފާން ފޭކް
15 March 2018
މިހާތަނައް ފުލުހުން ޒިއްމާ ނެގީ ކޮން ދުވަހަކުތޯ؟ ކުރިން ހުއްދަ ހޯދުމަކައި ނުލާ އެއްވެ ޢުޅެވޭނެ ކަމަށް ދިވެހި ބަހުން ލިޔެފައި އޮތީ އެމެރިކާ ގާނޫނު އަސާސީ ގައިތޯ؟ މަނަލޭ ފަޅޮލޭ ޤައިރު ގާނޫނޭ! ކޮނބަޔަކައްތޯ ބިރު ތިޔަ ދައްކަނީ؟
ދަންތޫރަ
15 March 2018
ސަރުކާރުން ރައްޔަތުންގެ މަޖިލީހަށް މެމްބަރުން ވަނަނުދިނުމީ ކޮންޤާނޫނެއްގަ އޮތް ވާހަކައެއްތޯ، ސްޕްރީމް ކޯޓްގެ އ. ފަޑިޔާރު ދަމާކޫތާފަ ގެންދިއުމަކީ ކޮން ޤާނޫނެއްގަ އޮތް ގޮތެއްތޯ. މިހުރިހާ ކަމެއް ކުރާއިރު ކޮބާ ފުލުހުން .
ޢަބްދުﷲނާފިޒު
15 March 2018
ޝިފާނޫ ބުނަން ވާހަކައެއް، އެއްވުމަކީ ޣައިރުޤާނޫނީ އެއްވުމެއްތޯ ނޫންތޯ ކަލޭމެން ނިންމާ، އެއްވުން ބާއްވާނެ އެއްވެސް ޝައްކެއް އެކަމުގަނެތް، އެހެނޭ ކިއާފަ ރައްޔިތުންނަށް އަނިޔާކޮށްފިއްޔާ އެއަނިޔާއެއް ކުރި މީހަކާ އަނިޔާ ބައްދަލުކުރާނެކަމުގެ ޔަޤީންކަން އަހުރެންދެން، މީއެއްވެސް ހާލެއްގައި ދޭއިންޒާރެއްނޫން، އަނިޔާ ނުކުރުމަށް ނަސޭހަތްތެރި މިވަނީ، ފުލުހުންނެއް ކަމަކު ރައްޔިތުންނަށް އަނިޔާކުރަން ޤާނޫނު ތަނެއް ނުދޭ، އަނިޔާ ކުރަންޏާ އާޚިރުގަ ނަތީޖާ ވަރަށްގޯސްވާނެ ކަމަށް އުއްމީދުކުރަން.
އިހުސާނު
15 March 2018
"މަދު" ބަޔަކު އެއްވާތީތޯ ކޮންމެ ދުވަހަކު ދެއިރު ދެދަޅައަށް ނޫސް ވެރިންނަށް މައުލޫމާތު ތި ދެނީ
މުހައްމަދު ރަހީމު
15 March 2018
ކޮންދުވަހަކު ރައްޔަތަކަށް މުޒާހަރާގައި ގެއްލުންވެގެން ޒިންމާނެންގެވީ އޮޅުވާނުލައްވާ.....
ވަރިހަމަ
15 March 2018
ޝިފާން މިހެން ވިދާޅުވިއެވެ." އެހެންކަމުން، މާދަމާ ވެސް އިދިކޮޅުގެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ނުދީ، ހުއްޓުވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ." ފުރަމަ ކަމަކީ " ފުލުހުންގެ އިދިކޮޅުބައެއް" ރައްޔިތުންގެ ތެރޭ ތިބިކަމަށް ދެކިގެން ވާހަކަ ދެއްކުން މިހާ ހިސާބުން ފުލުހުންގެ މިނިވަންކަމާއި، ހަމަހަމަ ކަން ވަރަށް ސާފުކޮށް އެގިއްޖެއެވެ. ޝިފާނު ސިޔާސީ ވާހަކަ ޕޯރޑިއަމް ތަކުގައި އިތުރަށް ނުދައްކާ ވަގުތުން ވަގުތައް އިސްތިއުފާ ދިނުމަށް އަޅުގަނޑު ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ގޮވާލަމެވެ.