އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި، އިދިކޮޅު މެމްބަރުން މިރޭ ދޫކޮށްލައިފި އެވެ.

އެއީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ މިރޭ ދޫކޮށްލައި އެވެ.

އެ ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެ ހަތަރު ބޭފުޅުން ފުލުހުންގެ ބަންދުން ދޫކޮށްލިއިރު، ދިން ލިޔުމުގައި ވާ ގޮތުން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ގާނޫނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ގޮވާލުން ފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އިތުރު ބައެއް މީހުން ވެސް މިރޭ ދޫކޮށްލާނެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.