ރައީސް ޔާމީން ނުހުއްޓުވައި މިނިވަންކަން ލިބޭކަށް ނެތް: އިދިކޮޅު

ގާނޫނުއަސާސީ "ފުނޑާލި" ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނު ހުއްޓުވަން ހުރިހާ އެންމެން ނުކުތުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރައީސް ޔާމީން ހުއްޓުވައިގެން ނޫނީ ގާނޫނުއަސާސީން ލިބޭ ހައްގުތަކާ މިނިވަންކަން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2008 ގައި ތަސްދީގު ކުރި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދައުލަތުގެ ތިން ބާރު ވަކިވެފައިވުމެވެ. އެކަމަކު، ރައީސް ޔާމީން ވަނީ ތިން ބާރު، އެއް ބާރަކަށް ހަދައި ހުރިހާ އެއްޗެއް މުށުތެރެއަށް ލައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި. މިކަން މިގޮތުގައި ދެމި އޮންނާނީ ޔާމީން ހުއްޓުވައިގެން،" އަލީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ "ފިޔަތައް ކޮށާލައި" ކަސްތޮޅު އަޅުވާފައިވާއިރު، މިކަމުން ވެސް ސަލާމަތް ވެވޭނީ ރައީސް ޔާމީން ހުއްޓުވައިގެން ކަމަށެވެ.

ރައްޔިތުންނަށް ލިބިފައި އޮތް އެންމެ މުހިންމު ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ވާއިރު، ހިޔާލު އެ މިނިވަން ކަމުގެ ހައްގު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރުމަށް އަލީ ގޮވާލެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް ހުރިހާ އެންމެން ނިކުންނަން ޖެހޭ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ ބޮޑު މުޒާހަރާ އަށް މަޑުނުކޮށް، މިރެއިން މިރެއަށް ރަށްރަށުގައި ތިބޭ މީހުން މާލެ އަރައި، މުޒާހަރާތަކުގައި ބައިވެރިވުމަށް އޭނާ ގޮވާޅެއްވި އެވެ.