އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން އަދި ނުފޮނުވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ޖުމްހޫރީ މައިދާނަށް ވަދެވަޑައިގެން ހުންނަވަނިކޮށް ހައްޔަރުކޮށް، މިއަދު ދޫކޮށްލި އިބޫގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް އޭނާގެ ވަކީލް ނާޒިމް ސައްތާރު ކުރިން ވިދާޅުވެފައި ވެ އެވެ.
އެކަމަކު އެ ވާހަކަތައް ޕީޖީ އޮފީހުން ދޮގުކުރެ އެވެ.
"ޑިއުޓީ ޕްރޮސެކިއުޝަންގައި މަޝްވަރާ ކޮށްފައި އޮވެދާނެ. އެކަމަކު އެ މައްސަލަ މި އޮފީހަށް އަދި ހުށަހަޅާފައެއް ނެތް،" ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އިބޫގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން ގަދަކަމުން ވަން މައްސަލާގައި އޭނާގެ އިތުރުން މަޖިލީހުގެ 11 މެމްބަރަކަށް ދައުވާ ކުރާ މައްސަލަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.