އިއްތިހާދުގެ ޖަލްސާ ބާއްވާނެ ތަނެއް ނުދިން!

އިދިކޮޅު އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ތަނެއް ހަމަޖައްސައިދޭން ހައުސިން މިނިސްޓްރީގައި އެދިފައިވީ ނަމަވެސް އަދިވެސް ތަނެއް ހަމަޖައްސައި ނުދޭ ކަމަށް އިއްތިހާދުން މިއަދު ބުނެފި އެވެ.


އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ޖަލްސާ ބާއްވަން ތިން ތަނަކަށް އެދިފައިވާ ހަފުތާއެއް ވެއްޖެ ކަމަށެވެ. އެ ދެ ޕާޓީން އެދުނީ އަލިމަސްކާނިވާ ސަރަހައްދު ނުވަތަ ދަރުބާރުގެ ހަމަޖައްސައިދިނުމަށެވެ. އޭގެ އިތުރުން ޖަލްސާ ބާއްވަން، ވެހިކަލް ލައިސަންސް ނެގުމަށް ދުއްވާ ސަރަހައްދު ދޫކޮށްދޭން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއްވެސް ތަނެއް އަދި ނުލިބޭ. ސިޓީއަށް ޖަވާބެއް ވެސް ނުދޭ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަން ސަރުކާރުން ދަނީ ހުރަސްތައް ކުރިމަތިކުރަމުންނެވެ. އިއްތިހާދުން މިދިޔަ ހަފުތާ ބަންދުގައި ބާއްވަން އުޅުނު ޖަލްސާ އަށް ކާނިވާ ސަރަހައްދު ދޫކޮށް، ފަހު ވަގުތު ހުއްދަ ބާތިލްކުރީ ވެސް އެހެންވެ ކަމަށް އަނަސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، އެމްޑީޕީ އަށް ދޫކުރި ހުއްދަ ބާތިލްކުރީ "ޣައިރު ގާނޫނީ ހަރަކާތެއް ހިންގަން" އުޅުމުންނެވެ. އިއްތިހާދު ކިޔާ ބަޔަކު ނުދަންނަ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަނަސް ވިދާޅުވި ގޮތުގައި ޖަލްސާ ބާއްވަން އެއްވެސް ތަނެއް މާދަމާގެ ނިޔަލަށް ނުދީފި ނަމަ، ވިސްނުން ހުރީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށެވެ.

އިއްތިހާދުގެ ޖަލްސާ ބާއްވަން އެމްޑީޕީގެ ފަރާތުން ކާނިވާ ސަރަހައްދު ހޯދަން ހުށަހެޅުމުން ކުރިން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ހުއްދަ ދިނީ އެމްޑީޕީ އަށް ކަމަށާއި އެހެން ބައެއްގެ ބޭނުމަށް އެތަން ބޭނުންކުރާ ނަމަ ހުއްދަ ދެވެން ނޯންނާނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ވަނީ ފަހުން ހުއްދަ ބާތިލްކޮށްފަ އެވެ.