މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބޭކާރު ޚަރަދުކޮށްފައިވާ ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވިޔަސް އެއްވެސް ބޭކާރު ޚަރަދެއް ކޮށްފައިނުވާ ކަމަށާއި ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް 97،000 އަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ވަނީ ޚަރަދުކޮށްފަ އެވެ. އަދި ދައުލަތުގެ ޚަރަދުގައި އެ ކޮމިޝަނުން ކޯސްތަކާއި ސްކޮލާޝިޕްތަކަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމުން ކޯސް ފުރިހަމަ ނުކޮށް، އަނބުރާ ރާއްޖެ އައި މީހުންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ 1.2 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މިދިޔަ އަހަރު އެ ކޮމިޝަނަށް ލިބުނީ އެކަށީގެންވާ ވަރުގެ ބަޖެޓަކަށް ނުވާތީ ބަޖެޓް އައިޓަމްތަކަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހޯދާފައިވާނެ ކަމަށެވެ. އަދި ބައެއް ބަޖެޓް އައިޓަމްތައް ފިނޭންސް އިން އުނިކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ވެސް ކުރި ޚަރަދުތަކަށް ނުބަލާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ އިތުރަށް އެއްވެސް ޚަރަދެއް ކުރުމުގެ ފުރުސަތު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކޯހަށް ފޮނުވި ފަރާތްތަކުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމަށް ފާހަގަކޮށްފައިވާތީ އެކަމާ ގުޅޭގޮތުން އެ ބަޔާނުގައިވަނީ އެ ފަރާތްތަކުން ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތުގެ ތާވަލެއް އެކުލަވާލައި، ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައިސާ ލިބުނުހާ އަވަހަކަށް އެ ފައިސާ ދައުލަތުގެ އެކައުންޓަށް ޖަމާކުރާނެ ކަމަށް އެ ބަޔާނުގައި އެޗްއާރުސީއެމުން ބުނެފައިވެ އެވެ.
އެޗްއާރުސީއެމުން އެކި ދަތުރުތަކަށް ޓިކެޓް ނެގުމަށް ފަހު ދަތުރު ނުކުރުމުން ދައުލަތަށް ލިބެންޖެހޭ ރިފަންޑް ފައިސާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެޗްއާރުސީއެމްގެ ބަޔާނުގައިވަނީ އެ ފައިސާ ހޯދުމުގެ މަސައްކަތް ވެސް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ހަރު މުދަލުގެ ރަޖިސްޓްރީ އެ ކޮމިޝަނުން ނުބަލަހައްޓާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އޮތަސް އެ ރަޖިސްޓްރީ މިހާރު ވެސް އެބައޮތް ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.