މޫދަށް ވެއްޓުނު ބަންގްލަދޭޝް މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކުން ރޭ މޫދަށް ފޭބި ބަންގްލަދޭޝްގެ މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.


އޮޅުހަލި ރިސޯޓުގެ ޖެޓީން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ސިފައިންގެ ޑައިވަރުންނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ފެނުނީ ހަތް މީޓަރު އަޑިންނެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުން، ބަންގްލަދޭޝް މީހާ މޫދަށް ފައިބާފައި ވަނީ އޭނާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށެވެ. އެއީ ފަތަން ދަންނަ މީހެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ބުނެފައި ވެ އެވެ.

އެ މީހާގެ ހަށިގަނޑު ހެނދުނު 9:10 ހާއިރު މާލެ ގެނެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރި، ކ. އޮޅަހަލީގައި މަތީ ފެންވަރުގެ ރިސޯޓު ހަދަމުން އަންނަނީ މޮރިޝަސްގެ ލަކްސް ހޮޓެލްސް އެންޑް ރިސޯޓުންނެވެ. ގާފަރު ކަނޑުއޮޅި ކައިރީގައި އޮންނަ ހަ ހެކްޓަރުގެ ރަށް މި އަހަރުގެ އޭޕްރީލް މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.