އެކަމަނާގެ ފިރިކަލުން ރައީސް އަބްދުﷲ ޔާމީނަކީ ނަމޫނާ ބޭފުޅެއް ކަމަށާއި ރާއްޖެ އަށް ގެންނަމުން އަންނަ ތަރައްގީތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފަސްޓް ލޭޑީ ފާތުން އިސްވެ ހުންނަވައިގެން ފުވައްމުލަކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މަލަމަތި ބަދަލުވެފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފެންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަތަން ކަމަށް ވެސް ފަސްޓް ލޭޑީ ފާތުން ވިދާޅުވި އެވެ. އަދި އިޖުތިމާއީ ގޮތުން ރާއްޖެ ބަދަލުވަމުން އަންނައިރު، ރައްޔިތުންގެ ވިސްނުމަށް ވެސް ބަދަލު އަންނަ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"ރަށްރަށުގެ ނަރުދަމާ، ފެނުގެ ނިޒާމު، ބަނދަރުތައް އަދި ސިއްހީ ދާއިރާގެ ތަރައްގީ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފިރިކަލުން މި ގައުމަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް ޝުކުރު ދަންނަވަން،" އެތައް ބަޔަކު އެއްވި އާންމު އެއްވުމެއްގައި ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި ފިރިކަލުން ރައީސް ޔާމީނަށް ތައުރީފު ބަންޑުން ކުރައްވަމުން ފާތުން ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދަކީ އެކަމަނާ އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރެވެ. ވަރުބަލި ކަމެއް ނެތި މަސައްކަތްޕުޅުގައި ދެމިހުންނެވި ސަބަބކީ ރައްޔިތުން ދޭ ލޯބި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ފަސްޓް ލޭޑީ ވިދާޅުވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ހިނގައި ތަރައްގީ ވެފައިވާ އަމާން ވެއްޓެއް ފޯރުކޮށް ދިނުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މިސާލު، އެހެން ފިރިން ވެސް ނެގުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
ފަސްޓް ލޭޑީ ވަނީ ރާއްޖެ އަށް އަންނަ ހެޔޮ ބަދަލުތައް ދިފާއު ކުރުމުގެ މަސައްކަތުގައި ނުކުންނެވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ރާއްޖެ އަށް އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް އަންނަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ޔާމީން ގެނެސްދެއްވާ ހަލުވި ތަރައްގީ ދެމެހެއްޓޭނީ އިތުރު ދައުރެއް އެމަނިކުފާނަށް ދީގެން ކަމަށާއި އެކަމަށް މަސައްކަތް ކުރުމަށް ފަސްޓް ލޭޑީ ވަނީ އެދިވަޑައިގެންފަ އެވެ.