ދައުވާކުރުމެއް ނެތި މީޑިއާތަކަށް ބޮޑެތި އަދަބު ދީ ޖޫރިމަނާ ކުރުމުގެ ބާރު ދެނީ!

ދައުވާ ކުރުމެއް ނެތި މީޑިއާތަކަށާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ބާރު ކަމާ ބެހޭ މުއައްސަސާތަކަށް ލިބިގެންދާ ގޮތަށް، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހިމަނައިފި އެވެ. އޭގެ ސަބަބުން އެއްވެސް ތަހުގީގެއް ނުކޮށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނޫސްތަކާއި، ޓީވީތަކާއި ރޭޑިއޯތަކަށް ހަރުކަށި ފިޔަވަޅު އަޅައި ނޫސްވެރިން ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.


އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން ކަމަށްވާ ނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާ އަށް އެކަމެއްގެ ޝަކުވާ ހުށަހެޅުމުން ނުވަތަ އެ މުއައްސަސާއެއްގެ އަމިއްލަ އިސް ނެގުމަށް އެކަން ބަލައި ގާނޫނާ ހިލާފު މީޑިއާއަށް އެކަން އަންގައި މީޑީއާތަކަށް ފިޔަވަޅު އެޅިދާނެ އެވެ.

ޮއޮންލައިން ނޫސް، ސީއެންއެމް ހުއްޓާލަން ޖެހުނު މައްސަލައިގައި އެމްއެމްސީ ކައިރިއަށް އެއްވި ބައެއް ނޫސްވެރިން އަތުގުޅާލަނީ: ނިމުމެއް ނެތް ކަމެއް -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ބިލުގައި މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާ ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެވެ.

މިދިޔަ މާޗް މަހު ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު ހުށަހެޅުއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި މީޑިއާއަކުން އަބުރާ ބެހެފިނަމަ، އެ މައްސަލައެއް ފުލުހުން ބަލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. އަދި ޕީޖީން އެ މައްސަލަ ކޯޓަށް ފޮނުވުމުން، މީޑިއާއެއް ނުވަތަ ނޫސްވެރިއެއް ޖޫރިމަނާ ކުރާނެ އަދަދަކާއި ޖަލަށްލެވޭނެ މުއްދަތެއް ކަނޑައަޅާނީ ކޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ހިޔާލުފާޅުކުރުމުގެ ހަމަތަކާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ، އެ މީޑިއާއަށް އިންޒާރުދީ، އެ ދިން އިންޒާރެއް އާންމު ކުރަން ޖެހޭނެ އެވެ. އަދި ގާނޫނާ ހިލާފަށް ޝާއިއުކުރާ ލިޔުމެއް ނުވަތަ މަންޒަރެއް އަނބުރާ ގެނެސް ބަޔާނެއް އާންމުކޮށް މައާފްކުރަން ޖެހޭނެ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަމައެއާއެކު ތަކުރާރުކޮށް ގާނޫނާ ހިލާފުވާ މީޑިއާ، ވަކި މުއްދަތެއް ވަންދެން ސަސްޕެންޑްކުރުމަށް ނުވަތަ ޕްރޮގްރާމް ޝެޑިއުލް ވަކި މުއްދަތެއް ވަންދެން މެދުކަނޑާލަން އެ މުއައްސަސާއަކަށް އެންގިދާނެ އެވެ.

މީގެ އިތުރުން އަބުރާ ބެހެނުކަން ސާބިތުވާ މީޑިއާއެއް ބައިލައްކަ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މުއައްސަސާއަށް ވަނީ ދީފަ އެވެ.

ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވަން ވާނެ އެވެ.

މި ބިލުގައި ޖޫރިމަނާއެއް ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު ޖޫރިމަނާ ކުރާ މީހަކަށް ލިބިގެންވެ އެވެ. ނަމަވެސް މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނީ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އެވެ. އަދި އިސްތިއުނާފް ކުރާ މީހަކާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، ޖޫރިމަނާއަށް ދެއްކި ފައިސާ ދައުލަތުގެ މުއައްސަސާއިން އަނބުރާ ރީފަންޑު ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓު ކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ރިޕޯޓު ކުރުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެކެވެ. ނަމަވެސް ހަބަރު ރައްދުވާ ފަރާތާ ނުގުޅުމުގެ ސަބަބުން އެ ފަރާތެއްގެ ބަހެއް ނުހޯދައި ޝާއިއުކުރުމަކީ މި ދިފާއުގައި ބޭނުން ކުރެވޭނެ ހާލަތެއް ނޫނެވެ.

މުއައްސަސާއެއްގައި ހިނގަމުންދާ ގާނޫނާ ހިލާފު ކަންކަން ރިޕޯޓު ކުރުމާއި މީހެއްގެ ފުރާނައަށް ނުރައްކާވާ ކަމެއް ހިންގިކަން ނުވަތަ ހިންގާފައިވާކަން ހާމަކުރުމާއި ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލެއް ހާމަކުރުމާއި ގާނޫނާ ހިލާފު ކަމެއް ފޮރުވަން ކުރާ މަސައްކަތެއް ހާމަކުރުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.

އަބުރާ ބެހުން ބިލްގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް، ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން ވެސް އެދިފައިވާ ބައިތަކެކެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި އެ ގަވާއިދު އެކުލަވާލައި އެޓާނީ ޖެނެރަލް އާންމު ކުރަންވާނެ އެވެ.