އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ކުރިމަތިލާން ނިންމައި ގައުމުތަކުގެ ތާއީދު ހޯދަމުން އަންނަނިކޮށް، ރާއްޖެއާ ދެކޮޅަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ކެމްޕޭން ކުރައްވާ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންޓި ކެމްޕޭންކުރަން ޖަމީލާއި ނަސީމް ލަދުގަންނަން ޖެހޭ ކަމަށެވެ. އދ.ގެ އެންމެ ބާރުގަދަ ކައުންސިލްގެ ގޮނޑިއެއް ރާއްޖެ އަށް ލިބުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ޝަރަފެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.

ނަސީމް ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.
ނަސީމް ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.

އަމިއްލަ އަށް އަރުވާލެއްވިގެން ބޭރުގައި ދިރިއުޅުއްވާ ޖަމީލާއި ނަސީމް އެންޓި ކެމްޕޭންގެ ގޮތުގައި ކުރެއްވި ކަމެއް ޝައިނީ ވިދާޅެއް ނުވެ އެވެ. އެކަމަކު، ދާދި ފަހުން ޖަމީލާއި ނަސީމް ވަނީ އދ.ގެ އިސް އޮފިޝަލުންނާ އެކު ބައްދަލުވުންތައް ބާއްވަވައި ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެ ބައްދަލުވުންތަކުގައި، މިނިވަން އިންސާފުވެރި އިންތިހާބަކަށް އދ. އިން އެހީތެރިވުމަށް ވެސް ދެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވޯޓު ހޯދަން، ގައުމުތަކާ އެކު އަންނަނީ ސިޔާސީ ގުޅުން ވެސް ގާއިމްކުރަމުންނެވެ. ގިނަ ގައުމުތަކެއްގެ ތާއީދު ރާއްޖެ އަށް ލިބިފައިވާ ކަމަށް ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ސެކިއުރިޓީ ކައުންސިލްގެ އިންތިހާބުގައި ރާއްޖެ އިން ވާދަކުރަން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. އެ އިންތިހާބު މި އަހަރު ބާއްވާނެ އެވެ. މިއީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

އދ. ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އިންތިހާބުގައި އެ ކައުންސިލަށް އޭޝިއާ ރީޖަނުން ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑޮނީޝިއާ އެވެ.

ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ފަސް ގައުމެއް އޮންނައިރު ބާކީ ތިބޭ 10 މެމްބަރުންނަކީ ދެ އަހަރުގެ މުއްދަތަށް އިންތިހާބު ކުރާ މެމްބަރުންނެވެ. ވަގުތީ މެމްބަރު ކަމަށް އިންތިހާބު ކުރަނީ އެކި ސަރަހައްދުތަކުންނެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އެވެ.