ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ދިރާސާއަކުން ދައްކައިފި އެވެ.

އެކިއެކި މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް މެދުވެރިކޮށް ޓްރާންސްޕޭރަންސީން ހަދައި އިއްޔެ އާންމުކުރި "ޕްރީ އިލެކްޝަން އެސަސްމަންޓް" ދިރާސާގައި ބުނެފައި ވަނީ ކޮންމެ އިންތިޚާބަކާ ގުޅިގެން ވެސް، ސަރުކާރުގައި ތިބޭ ބަޔަކު ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ކެމްޕެއިނަށް ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ވެސް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާކަން ދިރާސާގެ ބައިވެރިން ފާހަގަ ކޮށްފައި ވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ނެތުން ހިމެނެ އެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގުމަށް، ވެރިކަން ކުރާ ކޯލިޝަނަށް ލިބޭ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުލިބުމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

ޓްރާންސްޕޭރެންސީން ބުނިގޮތުގައި، އިލެކްޝަން ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފެދިފައި ވުމަކީ އިންތިޚާބީ މާހައުލު ކިލަނބު ވުމަށް ހުޅުވޭ ދޮރެކެވެ.

ދިރާސާއިން ފާހަގަވި ކަންކަމުގެ މައްޗަށް ބަލައި ޓްރާންސްޕޭރަންސީން ވަނީ އިސްލާހުތަކެއް ގެނައުމަށް ކަންތައްތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި، ސަރުކާރެކޭ އެއްގޮތަށް އިދިކޮޅު ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބިދިނުން ހިމެނެ އެވެ. އަދި ޝައްކު އުފެދޭ ގޮތަށް ޖަލަށް ލާފައިވާ މީހުންގެ މައްސަލަ ބަލަން އިތުބާރު ހިފޭ ޝަރީއަތެއް ބާއްވައި ދިނުމަށް ޓްރާންސްޕޭރެންސީން އެދެ އެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ހަރުދަނާ ގާނޫނެއް ހަދައި ތަންފީޒު ކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ. އެފަދަ ގާނޫނެއްގައި، އިންތިޚާބަށް ނުފޫޒު ފޯރުވަން މަޝްރޫތައް އިއުލާން ކުރުން ހުއްޓުވުމާއި ދައުލަތުގެ ކުންފުނިތައް ކެމްޕެއިނަށް ބޭނުން ކުރުން ހުއްޓުވުން ފަދަ ކަންކަން ހިމެނުމަށް ޓްރާސްޕޭރެންސީން އިލްތިމާސް ކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރާ މެމްބަރުންނަކީ ސިޔާސީ ތައައްސުބުން އެއްކިބާވެފައިވާ ބައެއްކަން ޔަގީން ކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވެސް ޓްރާންސްޕޭރަންސީން ގޮވާލާފައިވެ އެވެ. އޭގެ ބޭނުމަކީ އާންމުންގެ އިތުބާރު އެ ކޮމިޝަނަށް އުފެއްދުމެވެ.

ރިޔާސީ އިންތިޚާބަށް ލަފާދިނުމަށް ގައުމީ ލަފާ ދޭ ކޮމެޓީއެއް އުފައްދައި ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ދިނުމަށް ވެސް ޓްރާންސްޕޭރެންސީން ލަފާދީފައި ވެ އެވެ. އަދި އެއީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ކޮމެޓީއެއްގެ ބަދަލުގައި އެ ކޮމެޓީގެ މެމްބަރުންނަށް އެ ކޮމިޝަނަށް ލަފާ ދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައިވެ އެވެ.