ޖޭޕީން ކޯލިޝަން ހަދައި، ހިޔަނި ކެބިނެޓް އިއުލާން ކުރިއިރު އެހެން ޕާޓީތަކަށް ނޭނގޭ!

އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ އެކު ކޯލިޝަން ހަދައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިޔަނި ކެބިނެޓް މިއަދު އިއުލާން ކުރެއްވިއިރު، އެއީ އެ ޕާޓީތަކަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ނުހިމަނައި ޖޭޕީން މިއަދު "ޖުމްހޫރީ ކޯލިޝަން" އިއުލާން ކުރެއްވީ، ޖަރުމަނުގައި ދިރިއުޅުއްވާ ގާސިމް ފޭސްބުކްލައިވް މެދުވެރިކޮށް ދެއްވި ބަޔާނެއްގަ އެވެ. އޭނާ ވަނީ ޖުމްހޫރީ ކޯލިޝަންގައި 20 މިނިސްޓްރީ އަކަށް މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރައްވާނެ ބޭފުޅުން އިއުލާން ކުރައްވައިފަ އެވެ.

ޖުމްހޫރީ ކޯލިޝަންގެ ރައީސަކީ ގާސިމް ވިދާޅުވި ގޮތުގައި އޭނާ އެވެ. ނައިބު ރައީސަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާން ކުރިތާ މާގިނައިރެއް ނުވަނީސް އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ، މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެ ޕާޓީން އަދި އެއްވެސް ބަޔަކާ ކޯލިޝަނެއް ނުހަދާ ކަމަށެވެ.

"އަދާލަތު ޕާޓީން އެ ފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަން އިއުލާން ކުރާނަން،" އެ ޕާޓީގެ ޓުވީޓުގައި ވެ އެވެ.

ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓުގެ ހައުސިން މިނިސްޓަރަކީ އަދާލަތު ޕާޓީގެ ރައީސް އަދި ޖަލަށް ލާފައިވާ ޝައިހް އިމްރާން އަބްދުﷲ އެވެ. އިސްލާމިކް މިނިސްޓަރަކީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރެވެ. ޝެޑޯ ޖެންޑާ މިނިސްޓަރަކީ އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފެވެ.

ޖޭޕީގެ ކުއްލި މި ނިންމުމާ ގުޅޭ ގޮތުން މައުމޫން ފެކްޝަނުން ވާހަކަ ދެއްކެވި އައިމިނަތު ނާދިރާ ވިދާޅުވީ، އެއީ މައުމޫނާއި އެ ފެކްޝަންގެ އެހެން ބޭފުޅުންނާ ވެސް މަޝްވަރާ ކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އެ ފެކްޝަނުން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ، އެންމެ ކުރިއްސުރެ އެކުގައި ކޯލިޝަން ހަދާފައިވާ ހަތަރު ޕާޓީއާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓުގެ ހިޔަނި ފޮރިން މިނިސްޓަރަށް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އަދި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ކަމަށް ޔުމްނާ މައުމޫން ވަނީ އައްޔަން ކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސާނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކަމަށް ވެސް ޖޭޕީން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.

ގާސިމްގެ ނިންމުމާ މެދު އޭނާގެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ޖުމްހޫރީ ކޯލިޝަންގެ ލޭބަ މިނިސްޓަރު ކަމަށް އަބްދުﷲ ކަމާލުއްދީން ކަނޑައަޅުއްވާފައިވާއިރު، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްސެވުމެއް ވެސް ނެތި ހަވާލުކުރާ މަގާމު ގަބޫލު ކުރައްވާ ހިތް ނުވާ ކަމަށެވެ.

"އަޅުގަނޑު މިއީ އަޅުގަނޑު ކައިރީގައި ނާހައި، އަޅުގަނޑާ ހަވާލު ކުރާ މަގާމް، ނޫނީ ހަވާލު ކުރަން އުޅޭ މަގާމް ގަބޫލު ކުރާ ހިތްވާ މީހެއް ނޫން،" މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ކަމާލުއްދީން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ޖޭޕީގެ އިއުލާނާ ގުޅިގެން، އެމްޑީޕީގެ ބައެއް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރު ދަނީ ސޯޝަލް މީޑިއާގައި އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ، މައުމޫނާއި އަދާލަތު ޕާޓީ އަދި ޖޭޕީގެ ވެރިކަމެއްގެ ހިޔަނި ވަޒީރުކަން ދެއްވީ ބައެއް ބޭފުޅުންނަށް ވެސް މަޝްވަރާ ކުރެއްވުމެއް ނެތި، ކުއްލި ގޮތަކަށް އިއުލާން ކުރެއްވުމުން ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށް، އިދިކޮޅު ޕާޓީތަކުން ވަނީ ކޯލިޝަން ހަދައިފަ އެވެ. އަދި އިންތިހާބުގައި ވާދަކުރާނީ، ކޯލިޝަނުން ނެރޭ ކެންޑިޑޭޓެއް ކަމަށް ބުނި ނަމަވެސް، މިހާތަނަށް އަލިމަގެއް ނުފެނެ އެވެ.