ރާއްޖޭން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވުމަށް ޓަކައި ގާނޫނަށް އިސްލާހު ގެންނަން ޕީޕީއެމުން ނިންމައިފި އެވެ.

ސަރުކާރު ކޯލިޝަން މެމްބަރުން އެކަނި ބައިވެރިވި ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ނިހާން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކޮށްފަ އެވެ.

ޕްރޮފެސަރު ހަސަން އުގައިލަށް އަމާޒުކޮށް ގެންނަ އިސްލާހެއް ކަމަށް ބުނާ އެ ބިލްގެ ބަހުސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެ އިސްލާހު ހުށަހެޅީ ގާނޫނު އަސާސީގައި ރައީސް ކަމަށް ކުރިމަތިލެވޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް އިތުރަށް ފުރިހަމަ ކުރަން ކަމަށެވެ.

ނިހާން ވިދާޅުވީ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އިތުރުން ބޭރުގެ ގައުމެއްގެ ހިމާޔަތް ހޯދައިގެން ތިބި މީހުން ވެސް ވަކި މުއްދަތެއްގެ ފަހުން ނޫނީ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ. ކޮމެޓީން އެ ބިލް ފާސްކުރާއިރު އެ އިސްލާހުތައް ފާސްވާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖޭގެ މައްޗަށް ވިސްނުން ހުރިތޯ، ރާއްޖެ އެނގޭ މިންވަރާ މި ހުރިހާ ކަމަކަށް އެބަޖެހޭ ބަލަން. ބޭރު ކަރަކަރައިގައި އުޅެފައި ވެރިކަން ކުރަން ބޭނުންވެގެން އެބަ އާދޭ،" ނިހާން ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަން ނޭންގޭ ބޭފުޅުން ވެސް ރާއްޖެ އަންނަ ހިސާބަކުން ރާއްޖެ ދެކެ ވަރަށް ލޯބިވެ، ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުން އުޅުއްވާ ކަމަށް ނިހާން ވިދާޅުވި އެވެ. ދިވެހިވަންތަކަން ނޭންގި އަދި އެ ތަޖުރިބާ ނެތި ވެރިކަމަށް ކުރިމަތިލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިދިކޮޅު ކޯލިޝަންގެ ގިނަ ލީޑަރުން ތިއްބެވީ ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާ އަށް ވަޑައިގެން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ރައީސް މުހައްމަދު ނަޝީދާއި ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ގާސިމް އިބްރާހިމް ހިމެނެ އެވެ.

މި ބަހުސްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަދި މިހާރު ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރަން ބޭނުން ނަމަ އެ މީހަކު އުޅެން ޖެހޭނީ ރާއްޖޭގައި ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް ކުރިމަތިލުމަށް ހުރަސް އަޅާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ އެއީ ތެދެއް ކަމަށާއި އެކަންކަން ކުރަނީ ކުރިމަތިލިޔަ ނުދޭން ކަމަށެވެ.

"ރައީސް ނަޝީދުގެ ނަންފުޅެއް ނޯންނާނެ. އެކަން ކުރިޔަކަ ނުދޭނަން. ވަރަށް ޗެލެންޖްކޮށްފައި މިބުނަނީ އެ ފުރުސަތެއް ނުދޭނަން. އިލެކްޝަން ކޮމިޝަނުން އެކަން ކުރުމުގެ ފުރުސަތެއް ނުދޭނަން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އަވަށްޓެރި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމަށް ރައީސް ނަޝީދު ގޮވާލެއްވި މައްސަލަ އަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ ގައުމަށް ގައްދާރުވާ މީހުންނަށް ވެރިކަން ކުރަން ފުރުސަތެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ މެމްބަރުން ވަނީ އެ އިސްލާހުތަކަކީ ދުނިޔޭގެ ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލުކުރާ އުސޫލު ކަމަށް ވިދާޅުވެފަ އެވެ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ޑުއެލް ސިޓިޒަންޝިޕް ގެންގުޅޭ މީހުންގެ ތެރެއިން ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު މުޅި ދުނިޔޭގައި ވެސް ދެނީ އެންމެ އަށް ގައުމުން ކަމަށެވެ. އަދި އެމެރިކާގެ ރައީސް ކަމަށް ވާދަކުރެވެނީ އެ ގައުމެއްގެ ރަށްވެހިކަމުގައި މެދުނުކެނޑި 14 އަހަރު ވުމަށްފަހުގައި ކަން ހަލީލް ފާހަގަކުރެއްވި އެވެ.

މިއަދުގެ ޖަލްސާ އަށް ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ބަހުސަށް ވެސް ތިން ގަޑިއިރުގެ ފުރުސަތެއް ދިނެވެ. ނަމަވެސް އެއްވެސް މެމްބަރަކު އެދިވަދައިގެންފައި ނުވާތީ ބަހުސް ކުރިއަށް ނުގެންގޮސް ޖަލްސާ މެދުކަނޑާލީ އެވެ. ދެން އޮންނާނީ 1:30 ގައި ވޯޓަށް އެހުމެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހުތަކެއް އިއްޔެ ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ.

ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެންނަން އިއްޔެ ހުށަހެޅުއްވި އިސްލާހުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ދައްކަންޖެހޭ 40،000ރ. ގެ ބަދަލުގައި 100،000ރ. އަށް އެ އަދަދު ބޮޑު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

އެ އިސްލާހު އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވުމާ މެދު މިއަދު ގޮތެއް ނިންމާނެ އެވެ.

އެ މަސައްކަތްތައް ނިމެންދެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.