އިބޫ، އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރައްވަނީ

ރައީސް އަބްދުﷲ ޔާމީން، ބަލިކުރަން އިދިކޮޅުން ނެރޭ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެ ޕާޓީގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރައްވަން ފައްޓަވައިފި އެވެ.


އިބޫ ވަނީ، އެކި ދާއިރާތަކުން އެމްޑީޕީގެ ކެމްޕޭންގައި މަސައްކަތް ކުރާ މީހުންނާ އެ ޕާޓީގެ އޮފީހުގައި އިއްޔެ ބައްދަލުކުރައްވައި ކެމްޕޭނާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވައިފަ އެވެ.

އިންތިޚާބަށް އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯގެ ބައެއް ބައިތައް ވެސް މިހާރު އަންނަނީ އާއްމުކުރަމުންނެވެ. އެއާއެކު، އަތޮޅުތަކަށް ވަރަށް އަވަހަށް ކެމްޕޭން ދަތުރުތައް ފަށާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"ކޯލިޝަން ކެންޑިޑޭޓަކު އަޅުގަނޑުމެން ނެރެނީ. ކެންޑިޑޭޓު ފުރިހަމަވާނީ، ރަނިން މޭޓާއެކު. އެހެންވީމަ، އެހެން ޕާޓީތަކާ ވެސް މަޝްވަރާކުރުމަށް ފަހު ކެމްޕޭން ދަތުރުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ. ލަސްތަކެއް ނުވެ އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ދަތުރުތައް ފަށާނެ،" އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ގއ. ވިލިނގިލީ ކެމްޕޭން ޓީމުތަކާ އިބޫ ބައްދަލު ކުރައްވަނީ.

އިދިކޮޅުން ނެރޭ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ، ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީން ކެންޑިޑޭޓަކު ކަން ދިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވުމުންނެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތު އުނިވެފައިވާ ކަމަށް އިލެކްޝަންސުން ވަނީ ބުނެފަ އެވެ.

ނަޝީދަށް ފުރުސަތު ލިބިވަޑައިނުގަތުމުން، އިބޫއާ އެކު ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވީ ނަމަވެސް އެ ޕާޓީން އަދި ރަނިން މޭޓު ކަނޑައެއް ނާޅަ އެވެ. ޖޭޕީން ބުނެފައިވާ ގޮތުގައި، ލަސްތަކެއް ނުވެ ރަނިން މޭޓު ކަނޑައަޅާނެ އެވެ.