އިދިކޮޅު ލީޑަރުންގެ ފޮޓޯ ނުޖެހުމަށް ފުލުހުން އިންޒާރު ދީފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިނުގައި ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު އާންމު ކުރަން ފެށުމާއެކު ގައިދީން ޕްރޮމޯޓް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރު ދީފި އެވެ.


މިއަދު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތްތައް ޕްރޮމޯޓްކޮށް، އެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ނޫސްތަކުގައި ނުޖެހުމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ފަރާތްތަކުގެ ވާހަކަ ނުދެއްކުމަށް އަމުރުކޮށްފަ އެވެ.

"މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ގާނޫނާއި ގަވާއިދާ ހިލާފް ހަރަކާތްތަކެއް ހިންގަމުންދާކަން ވަނީ ފާހަގަ ކުރެވިފަ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫގެ ކެމްޕެއިނުގައި ބޭނުން ކުރާ ޕޯސްޓަރުތައް އިއްޔެ އާންމު ކުރި އިރު އޭނާގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރިގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ޝައިޚް އިމްރާން އަބްދުﷲގެ ފޮޓޯ ވެސް ޕޯސްޓަރުތަކުގައި ހިމެނެ އެވެ.

މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނާ ހިލާފަށް އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އަދި މިފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި އެ ފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ފުލުހުން އިންޒާރު ދީފައިވެ އެވެ.

ނަޝީދު ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި ކަމަށް ބުނެ 13 އަހަރަށެވެ. ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ފޯނު ނުދެއްވި މައްސަލައިގައި މައުމޫނަށް ކޮށްފައި ވަނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. ގާސިމްގެ މައްޗަށް ވެސް ހުކުމް ކޮށްފައި ވަނީ ރިޝްވަތު ދެއްވުމުގެ ކުށުގަ އެވެ. އޭނާ އަށް ހުކުމް ކޮށްފައި ވަނީ ތިން އަހަރަށް ޖަލަށް ލުމަށެވެ. އަދި އެއްވުމެއްގެ ތެރެއިިން ޓެރަރިޒަމްގެ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އިމްރާނަށް ކޮށްފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ.