އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް މެލޭޝިއާގައި ހުޅުވައިފި

އިދިކޮޅު އިއްތިހާދުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މެލޭޝިއާގައި އިއްޔެ ޖަގަހައެއް ހުޅުވައިފި އެވެ.


"ދާތޯ ޖަގަހަ" ނަން ދީފައިވާ އެ ތަން ހުޅުއްވައި ދެއްވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އަދާލަތު ޕާޓީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމެޓީގެ ޗެއާޕާސަން ޝިދާތާ ޝަރީފެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ސްރީ ލަންކާގައި ވެސް މިހާރު ވަނީ ޖަގަހައެއް ހުޅުވައިފަ އެވެ. އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވަޑައިގަންނަވާ ޖަލްސާއެއް ކޮލޮމްބޯގައި މި މަހު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިބޫގެ އިތުރުން ދެން ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ. އިބޫ އަށް ކެންޑިޑޭޓް ނަންބަރު ދޭއް ގުރުއަތުން ލިބިވަޑައިގެންފައިވާއިރު، ރައީސް ޔާމިންގެ ނަމްބަރަކީ އެކެކެވެ.

މި އިންތިޚާބުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި ރާއްޖޭގެ އިތުރުން ހަތަރު ގައުމެއްގައި ވެސް ވޯޓު ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.