މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި

ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންގަވާފައިވާ އެންގެވުމަށް އަމަލުކުރުން މަޑުޖައްސައިލަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ޕާޓީގެ ކައުންސިލްގެ ބައްދަލުވުންތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެމަނިކުފާނު އަންގަވާފައި ވަނިކޮށް، އެ އެންގުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން މިއަދު އަމުރުކުރީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފް އެންގުމެއް ކަމަށް ބުނެ، އެ އެންގުން ބާތިލްކުރަން ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެެ ދެ މެމްބަރަކު މައްސަލަ ހުށަހެޅުމުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ މައްސަލާގައި ކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.

އަމުރު ރައްދުވަނީ މައުމޫނާއި ޕީޕީއެމާއި އެ ޕާޓީގެ ކައުންސިލާއި އެ ޕާޓީގެ ހުރިހާ ގުނަވަންތަކާއި އެކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކަމަށް އަމުރުގައިވެ އެވެ. އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ އިއްޔެ ކޯޓުގައި ބޭއްވި ބައްދަލުވުމުގައި ހައްލެއް ނުލިބުމުން މައްސަލަ ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ.

މައުމޫންގެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރު ކުރީ މައުމޫން ނެތި ކައުންސިލް ނުބާއްވަން އަންގައި، މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނިކޮށެވެ.

މައުމޫނާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ޚިޔާލު ތަފާތުވެ، ޕާޓީގެ ކައުންސިލާއި ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އެންގެވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މައުމޫންގެ ބެއްލެވުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިޔަސް ޚިޔާލު ތަފާތުވުންތަކާ ހެދި އެ ބައްދަލުވުން ވަނީ ހުއްޓާލަން ޖެހިފަ އެވެ.

މައުމޫން އެ އެންގެވުން އެންގެވި ފަހުން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނާއި އިތުރު ބަޔަކު ޕާޓީން ވަކިކުރަން ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ އެ ބޭފުޅުން ވަކިނުވާ ކަމަށެވެ.