އަޅުގަނޑު މިހުރީ ޕީޕީއެމްގައި: ހުސައިން މަނިކު

އަދިވެސް ދެމިހުންނެވީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމާ އެކު ކަމަށާއި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ މިހެން ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި، ހުސައިން މަނިކު އިދިކޮޅު ޕާޓީތަކާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް އަދި އޭނާ މިހާރު ވެސް ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުމާ ގުޅިގެންނެވެ.

ލަތީފް ވިދާޅުވި ގޮތުގައި، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޕީޕީއެމްގެ މެމްބަރުންތަކެއް އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ހުސައިން މަނިކުގެ އިތުރުން، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހިމެނިވަޑައިގަންނަވާނެ ކަމަށް ދޭހަވާ ގޮތަށް ލަތީފް ވާހަކަ ދެއްކެވި އެވެ.

ލަތީފްގެ މި ވާހަކަ ދޮގު ކުރައްވަމުން ހުސައިން މަނިކު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމުން ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑު ގާތު، ނާހައި ލަތީފް އެފަދަ ހަގީގަތާ ޚިލާފު ވާހަކައެއް ދެއްކެވުމުން ހިތާމަކުރަން،" ހުސައިން މަނިކު ވިދާޅުވި އެވެ.

މިދިޔަ މަހު 26 ގައި ގުރައިދޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕޭން ޖަލްސާގައި އެ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު (ކ) ރައީސް ޔާމީނާ އެކު.---ފޮޓޯ: ރައީސް އޮފީސް

ހުސައިން މަނިކާއި ސަލީމް ވަނީ ދާދި ފަހުން އެ ދެ ބޭފުޅުންގެ ރަށުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމާ އެކު ކެމްޕެއިން ކުރައްވައިފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 26 ގައި ރައީސް ޔާމީން ކުއްލި ގޮތަކަށް ގުރައިދު އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ހުސައިން މަނިކު ބައިވެރިވެވަޑައިގެން ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.

ސަލީމާއި ހުސައިން މަނިކު ރައީސް ޔާމީނާއި ޕީޕީއެމާ ފެއަށް ޖެހިވަޑައިގަންނަވަން އުޅުއްވާ ވާހަކަ ދޭތެރެދޭތެރެއިން އިވެ އެވެ. އެކަމަކު، އެއިން ކޮންމެ ފަހަރަކު ވެސް އެ ދެބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވަ އެވެ.

މީގެ ތެރެއިން ހުސައިން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޕާޓީގެ އޭރުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވުމުން ވެސް ހުސައިން މަނިކު އެ ވާހަކަތައް ދޮގުކުރެއްވި އެވެ. މިހާރު ޖަލަށް ލާފައިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ އެ ވާހަކަތަކާ މެދު ހިތްހަމަޖަހިވަޑައިނުގެން ހުސައިން މަނިކު "މިހާރު" އަށް އޭރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނާއި ޕީޕީއެމް ދޫކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ދެމިހުންނެވީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.