އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އއ. ބޮޑުފޮޅުދު އަށް ވަޑައިގެން އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، ސަފުގައި ތިބި ސަޕޯޓަރުން ބޭނުންވީ މުޅިން އެހެން ކަމެކެވެ؛ އެމީހުން ބޭނުންވީ އިބޫގެ ސޮއި ޓީޝާޓުގައި ކުރުމަށެވެ. މިއީ، މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފެނުނު މުޅިން ތަފާތު މަންޒަރެކެވެ.

ރިޔާސީ އިންތިހާބުގައި އިބޫ ރަށްރަށަށް ވަޑައިގަތުމުން ރަށެއްގައި ދިރިއުޅޭ ގިނަ ބަޔަކު ހޫނު މަރުހަބާއެއް ދަންނަވާއިރު، މިއީ ރަށަކުން ފެނުނު ހިތްގައިމު މަންޒަރެކެވެ. މީގެ ކުރިން، ގއ. ދެއްވަދޫ އިން ވެސް އެފަދަ މަންޒަރެއް ފެނުނެވެ. އަންހެނަކު އުރައިގެން ހުރި ދެ އަހަރުގެ ފިރިހެން ކުއްޖާ ބޭނުންވީ ޓީޝާޓުގައި އިބޫގެ ސޮއިކޮށްލުމަށެވެ. އިބޫ އެރަށުން ފުރާވަޑައިގެންނެވީ ވެސް އެކަން ފުރިހަމަކޮށް ދެއްވުމަށް ފަހު އެވެ.

އިބޫ މިއަދު އއ. ބޮޑުފޮޅުދުއަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރެއްގެ ޓީޝާޓުގައި ސޮއިކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
އިބޫ މިއަދު އއ. ބޮޑުފޮޅުދުއަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރެއްގެ ޓީޝާޓުގައި ސޮއިކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު ބޮޑުފޮޅުދު އަށް ވަޑައިގަތުމާ ގުޅިގެން ސަފަކަށް އެތުރިގެން ތިބި ފިރިހެނުންތަކެއް މިފަހަރު ތިބީ މާކަރެއް ހިފައިގެން އިބޫ ސޮއި ހޯދުމަށް ކެތް މަދުވެފަ އެވެ. އިބޫ އަރާ ހަމަވުމާއެކު، އެމީހުން އެދުނީ ޓީޝާޓުގައި ސޮއިކޮށް ދިނުމަށެވެ. އެކަން އިބޫ ވަނީ ފުރިހަމަކޮށް ވެސް ދެއްވައިފަ އެވެ.

އިބޫގެ ނަން ހިމަނައިގެން ކުރާ މި ސޮޔަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، މިފަދަ މަންޒަރުތައް އެހެން ރަށްތަކުން ވެސް ދަނީ ފެންނަމުންނެވެ.

"އަޅުގަނޑު ހުރީ ކޮންމެހެން ވެސް މި ސޮއި އިބޫގެ އަތުން ކުރާ ތަން ދެކެން ބޭނުންވެފައި. މިއަދު އެ ހުވަފެން ސީދާވީމަ، ވަރަށް ހިތްހަމަޖެހިއްޖެ. އިބޫއަކީ ހިތްހެޔޮ އެކުވެރި ބޭފުޅެއް" އިބޫއާ ސަލާމް ކުރުމަށް ހެދި ސަފުގެ ނިމޭކޮޅުގައި ހުރި ފިރިހެނަކު "މިހާރު" އަށް ކިޔައިދިނެވެ.

ބައެއް މީހުންގެ ޓީޝާޓުގައި އިބޫ ސޮއިކުރާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، މިކަމުން ވެސް އެނގެނީ އިބޫއަކީ މަޑުމައިތިރި، އެންމެންނާ ގުޅޭ ބޭފުޅެއް ކަމެވެ.

ހަތަރު އަތޮޅަކަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުގައި، އިބޫ މިއަދު ހަވީރު ވަނީ ޅ. ހިންނަވަރަށް ވަޑައިގެންފަ އެވެ. އެރަށަށް ވަޑައިގަތުމުން، އެތައް ސަތޭކަ ބަޔަކު، އޭނާ އަށް މަރުހަބާ ދަންނަވަން ނުކުތެވެ. އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިރޭ ހިންނަވަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.