ރައީސް އަބްދުﷲ ޔާމީން އެކަނި ބައިވެރިވެވަޑައިގެން ދައްކަވާ ވާހަކަފުޅަކީ ބަހުސަކަށް ނުވާނެ ކަމަށް ބުނެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ރިޔާސީ ބަހުސް ބާއްވަން ނިންމައި، އެމްއެންޔޫ އިން ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެސް ދައުވަތު ދިނެވެ. އެކަމަކު ބަހުސްގައި އިބޫ ބައިވެރި ނުވާން އެމްޑީޕީން ނިންމީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރަށް ބަލާއިރު ބަހުސް ވެސް މިނިވަންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ބުނެ އެވެ.
އިބޫ ބައިވެރިވެވަޑައިނުގަތަސް އެމްއެންޔޫ އިން އެންމެ ފަހުން ނިންމީ، ރައީސް ޔާމީނާ އެކު މިރޭ 9:00 ގައި ބަހުސް ކުރިއަށް ގެންދާށެވެ. އެކަމަކު އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެއީ "ރައީސް އަމިއްލަ ނަފުސާ ކުރައްވާ ބަހުސެއް" ކަމަށެވެ.
އެމްއެންޔޫގެ މި ބަހުސަށް ފާޑުކިއުން އަމާޒުކުރާ މީހުންގެ ޝަކުވާއަކީ ހަމައެކަނި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ދައްކަވާ ވާހަކަފުޅު ބަހުސަކަށް ނުވާނެ ކަމެވެ. އެންމެ ކެންޑިޑޭޓަކު ބައިވެރިވެވަޑައިގަތުމުން ވެސް ކެންސަލް ނުކޮށް، ބަހުސް ކުރިއަށް ގެންދަން އުޅޭތީ ބައެއް މީހުން އަންނަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރަމުންނެވެ.
އެންމެ ކެންޑިޑޭޓަކު ބައިވެރިވުން ބަހުސަކަށް ވާނެ ގޮތް ސާފުކޮށްދޭން ވެސް ބައެއް މީހުން އަންނަނީ އެދެމުންނެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އެކަހަލަ ބަހުސެއް މި ބާއްވަނީ ދުނިޔޭގެ ތާރީޚުގައި ވެސް އަލަށެވެ.
"މިއީ އަލަށް ކަންނޭނގެ އެ މީހެއްގެ އަމިއްލަ ނަފްސާ ބަހުސްކޮށްލަން ތަނަކަށް އަރާވަޑައިގަންނަވާ،" މާރިޔާ ވިދާޅުވި އެވެ.
"ޚާއްސަކޮށް ޔުނިވާސިޓީއެއްގައި އެކަހަލަ ކަމެއް ކުރަން އުޅުމަކީ އަޅުގަނޑަށް ހަމަ ޔަގީން، ތާރީޚެއްގައި އެކަޑަމިކްސް ތިބެގެން އެކަކު އަރުއްވައިގެން ބަހުސެއް ބޭއްވުމުގެ ރެކޯޑު އަޅުގަނޑުމެންގެ ރާއްޖެ މި ފަހަރު ގާއިމްކުރާނެ. އެއީކީ ދެން އަޅުގަނޑުމެންނަކަށް މައްސަލައެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
މި ބަހުސަށް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ޔުނިވަސިޓީން ބާއްވާ ބަހުސަކީ "ސިޔާސީ ހަރަކާތެކެ"ވެ. ޔުނިވާސިޓީ ފަދަ ތަނަކުން މިފަދަ ކަމެއް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.
މި ބަހުސް ލައިވްކުރުމުގެ ފުރުސަތު ޓީވީ ޗެނަލްތަކަށް ހުޅުވާލާފައިވީ ނަމަވެސް ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ބަލާ އެއް ޓީވީ ކަމަށް ވާ ރާއްޖެ ޓީވީން ނިންމާފައި ވަނީ އެ ބަހުސް ލައިވް ނުކުރާށެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވީ އެއް ފަރާތަކުން ދައްކާ ވާހަކައަކީ ހަގީގީ ބަހުސެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރާއްޖެ ޓީވީން ބަހުސެއް ބާއްވަން ނިންމުމަށް ފަހު ކެންސަލްކުރީ، ރައީސް އަބްދުﷲ ޔާމީން އެ ދައުވަތު ގަބޫލުފުޅު ނުކުރެއްވުމުން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެންޔޫ އިން އެ ގެންދާ ގޮތަށް އެއް ކެންޑިޑޭޓާ އެކު ރާއްޖެ ޓީވީގެ ބަހުސް ވެސް ކުރިއަށް ގެންދެވިދާނެ. އެކަމަކު އެންމެ ރީތި ގޮތަކީ، އެއް ކެންޑިޑޭޓާ އެކު ބަހުސް ނުބޭއްވުން ކަމަށް ވާތީ އަޅުގަނޑުމެން ކެންސަލްކޮށް، އެމްއެންޔޫ ބަހުސް ލައިވް ނުކުރަން ވެސް ނިންމީ،" ފިޔާޒް ވިދާޅުވި އެވެ.
އެއް ކެންޑިޑޭޓާ އެކު ބަހުސް ބާއްވާތީ އެމްއެންޔޫއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، އިބޫ ބައިވެރިވެވަޑައި ނުގަތް މައްސަލައިގައި އޭނާ އަށް ވެސް ދަނީ ފާޑުކިޔަމުންނެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައީސް ޔާމީނާ އެކު ބަހުސަކަށް ވަޑައިގަތުމަށް އިބޫ އަށް ކެރިވަޑައިނުގަތީ އެވެ.
އެމްއެންޔޫ އިން ބުނެފައިވާ ގޮތުގައި ރިޔާސީ ބަހުސްގައި، ކެންޑިޑޭޓުންނާ ގުޅުން ހުރި މައުލޫމާތާއި ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރައްވާނެ ގޮތުގެ ތަސައްވަރެއް ރައްޔިތުންނަށް ވިސްނައިދޭ ސުވާލުތައް ހިމެނޭނެ އެވެ. މި ސުވާލުތަކާއި ބަހުސާ ގުޅޭ އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ޔުނިވާސިޓީން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.