ކައްޕިއެއްގެ ގޮތުގައި ހުންނާނަން، ނުދެވޭ ހިސާބެއް ނޯންނާނެ: ރައީސް

އެމަނިކުފާނުގެ ކައްޕިކަމުގެ ދަށުގައި ރާއްޖެ އަށް ނުދެވޭނެ އެއްވެސް ހިސާބެއް ނޯންނާނެ ކަމަށާއި ދިވެހިންނާއެކު މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އައި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން މިއަދު ވިދާޅުވީ މި ސަރުކާރު އޮތްހާ ހިނދަކު، ޒުވާނުންނަށް ހިތްވަރު ދޭނެ ކަމަށެވެ. ކުޅިވަރު ނުވަތަ އެހެން ކަމެއްގައި ވިޔަސް، ޒުވާނުންގެ ތަރުބިއްޔަތަށް ސަރުކާރުން އަބަދުވެސް ހިތްވަރުދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ޒުވާނުންގެ ހިތްވަރާއި، ދެން ބުނަން ޖެހޭނީ ރައީސް ޔާމީންގެ ފަންވަރޭ ދޯ؟ ރައީސް ޔާމީންގެ ފަންވަރާ އެކީގައި ކޮންމެ ކަމަކީ ވެސް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން ކުރި އަށް ދާ ކަމަށް ވާނަމަ، ތިއިން ކޮންމެ ކުއްޖަކަށް، ކޮންމެ ކުއްޖެއްގެ އާއިލާއަކަށް، ބައްޕަ އަށް، މަންމަ އަށް އުފާ ފާގަތިކަން ގެނެސް، އުންމީދުން ފުރިގެންވާ ރާއްޖެއަކަށް ނުހަދަންވީ ސަބަބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެކަން ހާސިލްކުރުން އޮތީ ޒުވާނުންގެ އަތްމަތީގަ ކަމަށާއި ޒުވާނުން އެކަމަށް ފުރުސަތު ދެއްވައިފި ނަމަ އެ މަނިކުފާނު ރާއްޖޭގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ފުޓްބޯޅައިގައި ނަމަ، އަސްއަދު އަދި އަކްރަމް. މުޅި ގައުމުވެއްޖެ ނަމަ، ރައީސް ޔާމީން، ތި ކުދިންނާ އެކީގައި މަސައްކަތް ކޮށްދޭނަން. އަޅުގަނޑުމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް،"

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) އަދި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ދިވެހިން އަބަދުމެ ޝުކުރު ކުރުން މަތީ ތިބެން ޖެހޭނެ ދުވަހެއް ކަމަށެވެ. އެގޮތުން، ގައުމީ ޓީމު ހޯދި ކާމިޔާބީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައި އޮތް ތަރައްގީން އެ މަނިކުފާނު ވަނީ މިސާލު ނަންގަވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެހެންވެސް އެއާޕޯޓްތައް ތަރައްގީވެގެން ދިޔުމުން ވަޒީފާތައް އުފެދި ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. މިއަދު ހާސިލްވެގެން ދިޔަ ކާމިޔާބީއަކީ ދިވެހިންގެ މިނިވަންކަމަށް އެންމެ ބޮޑު ތާއިދެއް ލިބުނު ކާމިޔާބީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ އިހްލާސްތެރިކަމާއެކުގަ އެވެ.