ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން އިބޫ އަށް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފި އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެގޮތަށް ބުނީ މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގަ އެވެ.

އިބޫއަށް މަރުހަބާ ކިޔައި، އެ ކައުންސިލުން ކުރި ޓްވީޓްގައި ބުނީ ދިވެހިން އެ މީހުންގެ ބަސް އިއްވައިފި ކަމަށެވެ. އަދި ދިފާއީ ދާއިރާ އާއި ޑިމޮކްރަސީ ކުރިއެރުވުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އެމެރިކާ ތައްޔާރަށް އޮތް ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޓްވީޓް

އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެ، އިބޫގެ ވެރިކަމުގައި ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އިންޑިއާ އާއި ރަޝިއާ ފަދަ ގައުމުތަކުން ވެސް އިބޫއަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.