ނަތީޖާ އަށް ބަދަލު އަންނަ ފަދަ ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި: މާރިޔާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް އިސްވެރިން ވިދާޅުވި ނަމަވެސް، އެ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަ ފަދަ މައްސަލައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިދިކޮޅު ކޯލިޝަނަށް ދަންނަވާފައިވާ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު އަޒްލީނާ ހަވާލާ ދެއްވައި މާރިޔާ އެހެން ވިދާޅުވިއިރު، އިންތިޚާބުގައި ބޮޑުތަނުން ބަލިވެވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް އެ އިންތިޚާބުގައި ނުފޫޒު ފޯރާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ އިސްވެރިން ވިދާޅުވަނީ އިންތިޚާބު ބާތިލް ކުރަންޖެހޭނެ ކަމަށާއި އިންސާފު ހޯދުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

އިބޫގެ ތަރުޖަމާން މާރިޔާ ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ޑިފެންސް އެންޑް ސެކިއުރިޓީ ކޮމެޓީން ހޯމް މިނިސްޓަރު އަޒްލީނާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަޒްލީން ދެއްވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އިންތިޚާބުގެ ޝަކުވާތައް އެބޭފުޅުން ބައްލަވައި، ނަތީޖާ އަށް ބަދަލު އަންނަ ފަދަ "މެޓީރިއަލް" އެއްވެސް ކަމެއް ނެތް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި ކަމަށެވެ.

"އިންތިހާބާ ބެހޭ ގޮތުން ދެކެވޭ ޝަކުވާތަކުގެ މައްސަލަ އެ ބޭފުޅުން [ހޯމް މިނިސްޓްރީން] ވެސް ބެއްލެވި ކަމަށާއި އިންތިހާބުގެ ނަތީޖާ އަށް އަސަރު ފޯރާ ފަދަ މެޓީރިއަލް އެއްވެސް ކަމެއް ނެތް ކަމަށް [ހޯމް މިނިސްޓަރު] ވިދާޅުވި،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މި ވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

މި ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކުން އިންތިގާލީ މަރުހަލާގެ ކަންކަމަށް މިނިސްޓަރުންގެ ފެންވަރުގައި އެއްބާރުލުން ދެއްވަމުން އަންނަ ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް އަމާންކަމާއެކު ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ތަފާތު އެކި މައްސަލަތަކަށް އިންސާފު ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު ތިބި އިރު އެ ކަންކަން ވެސް ކުރިއަށް ދެ އެވެ. އެގޮތުން ބޭރުގެ ބައެއް ފަރާތްތަކުން ސިޔާސީ ބޭފުޅުންނާ ގުޅޭ މާލީ އަދި އެހެނިހެން މައުލޫމާތު ވެސް އިދިކޮޅު ކޯލިޝަނާ ހިއްސާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް މާރިޔާ ވިދާޅެއް ނުވެ އެވެ.