ލެޕްޓޮޕްތައް ވަގަށް ނެގިއަސް އިމްތިހާނުގެ ސައްހަކަމަށް އަސަރެއް ނުކުރާނެ: އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއިންގެ ލެޕްޓޮޕްތަކެއް ވަގަށް ނެގިޔަސް، އިމްތިހާނުތަކުގެ ސައްހަކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.


އައިޔޫއެމްގެ އިމްތިހާނު ޕޭޕަރުތަކެއް ހުރި ލެޕްޓޮޕްތަކެއް ވަގަށް ނެގި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އެ ޔުނިވާސިޓީން ނެރުނު ބަޔާނުގައި ބުނީ ދަރިވަރުންނަށް އިމްތިހާނުތައް ދޭނީ ޝައްކެއް ނެތް މިންވަރަށް ކަންކަން ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

އިމްތިހާން ދޭނީ "ދަރިވަރުން އިމްތިހާންކުރުމާއި ފެންވަރު ވަޒަންކުރުމުގެ ގަވާއިދުގައިވާ ގޮތަށް ކަމުގައި ޔަގީންކަން ދެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ލެޕްޓޮޕްތައް ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޔޫއެމުން ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ ވަގަށް ގެންދިޔައީ ކިތައް ލެޕްޓޮޕްކަމެއް އަދި އެކަން ހިނގީ ކޮން އިރަކުކަމެއް ވެސް ސާފެއް ނުވެ އެވެ.

އައިޔޫއެމްގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އިއްޔެއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިމްތިހާނުތައް ކުރިއަށް ދާނެ އެވެ.