އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ ދައުރު، މި އަހަރުގެ ނޮވެމްބަރު 17 ގައި ފެއްޓެވިޔަސް، އޭގެ ފަހުން ވެރިކަމަށް އިންތިޚާބުވާ ބޭފުޅަކު ނޮވެމްބަރު 11 ގައި މަގާމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ، ނޮވެމްބަރު 17، 2013 ގައި ކަމަށް ވާތީ، ސަރުކާރުން ބުނާ ގޮތުގައި އެމަނިކުފާނުގެ ރިއާސީ ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު 17 ގަ އެވެ. ނަމަވެސް ގާނޫނުއަސާސީ އަށާއި ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ރިއާސީ ދައުރު ފެށެނީ ނޮވެމްބަރު 11 ކަމަށް ވާތީ، ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސްކޮށް ނިންމާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 އަށް ކަމުގައި ވާތީ، ރައީސް ކަމުގެ ހުވާ އިބޫ ކުރައްވާނީ އެ ދުވަހު ކަމަށެވެ. ރައީސް ޔާމީން ފިޔަވައި ދެ ވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުން ވެސް މިހާތަނަށް ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު 11ގަ އެވެ.

ދީދީ "މިހާރު" އަށް ވިދާޅުވީ އެ ތާރީޚު އެ ގޮތަށް ގެންދަވަން ބޭނުންފުޅުވާތީ އިބޫ، ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ނިންމަވައި، އޭގެ ފަހުން އިންތިޚާބުވާ ރައީސަކަށް ނޮވެމްބަރު 11 ގައި ހުވާ ކުރެއްވޭނެ ގޮތް ހަމަޖައްސަވަން ނިންމާފައިވާ ކަމަށް އިބޫ އިއްޔެ ވިދާޅުވެފައިވާ ކަމަށެވެ.

މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ކްރިމިނަލް ކޯޓަށް މިއަދު ވަދެވަޑައިގަންނަވަނީ.
މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ކްރިމިނަލް ކޯޓަށް މިއަދު ވަދެވަޑައިގަންނަވަނީ.

"އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވާނީ 2023 ގެ ނޮވެމްބަރު 17 އަށް ނޫންތޯ؟ އެކަމަކު އިބޫ ވިދާޅުވީ ނޮވެމްބަރު 11 ގައި ހުވާ ކުރެއްވުމުގެ ފުރުސަތު، ދެން ވަޑައިގަންނަވާނެ ރައީސަކަށް ދެއްވާނެ ކަމަށް،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ރިއާސީ ދައުރު ފެށުމާ ގުޅޭ ގޮތުން އިއްޔެ މަޖިލީހަށް ހުށަހެޅިފައި އޮތް މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ތެރޭގައި ކުރެވުނު ނުރަސްމީ މަޝްވަރާތަކުގެ ތެރޭގަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ރިއާސީ ދައުރު ނިމޭ ދުވަހަކާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި، ނޮވެމްބަރު 11 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވައިގެން، އެކަން ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ މަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިބޫ ވިދާޅުވީ އެ މަނިކުފާނު ހުވާ ކުރައްވާނެ ދުވަހަކާ މެދު ހިޔާލު ތަފާތު ވެފައިވާ އިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ރާއްޖޭގައި ރިއާސީ ދައުރު ބަދަލުވާ ދުވަހެއްގެ ގޮތުގައި ޒަމާނުއްސުރެ ހަމަޖެހިފައި އޮންނަނީ، 1968 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ޖުމްހޫރީ ނިޒާމަކަށް ބަދަލުވެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އިބްރާހިމް ނާސިރު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސް ކަމަށްވާ ނޮވެމްބަރު 11 އެވެ. އޭގެ ފަހުން ނޮވެމްބަރު 11 އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.