ބޭންކު ފަޅާލައި ނެގި ފައިސާތަކުން 14 މިލިއަން ރުފިޔާ ހޯދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗް ފަޅާލައި ވަގަށް ނެގި ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި އެވެ.


މިދިޔަ ހޮނިހިރު ދުވަހުގެ ބޭންކުން ވައްކަން ކޮށްފައި ވަނީ ފުރާޅުން ޓިނު ނަގައިގެން ވަދެ ތިޖޫރިތަކެއް ފަޅާލައިގެނެވެ.

އެ މައްސަލައިގެ މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އާ ވާހަކަ ދައްކަމުން މިއަދު ބުނީ ބީއެމްއެލުން ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ފެނިފައި ވަނީ ފަޅު ގެއެއްގެ ތެރެއިން ކަމަށެވެ.

"މީހުން ދިރިނުއުޅޭ ފަޅު ގެއެއްގެ ދޮންނަ މެޝިނެއްގެ ތެރޭގައި ހުއްޓާ ފުލުހުން އެ ފައިސާ ހޯދާފައި ވަނީ،" އޭނާ ކިޔައިދިނެވެ.

ވަގަށް ނެގި ފައިސާގެ ޖުމްލަ އަދަދެއް ނޭންގެ އެވެ. ނަމަވެސް ވަގަށް ނެގި ފައިސާގެ ތެރޭގައި ރުފިޔާ އަދި ޑޮލަރު ވެސް ހިމެނޭ ކަމަށްވެ އެވެ.

ބޭންކު ފަޅާލި މައްސަލައި ފުލުހުން މިހާރު ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އެއް އާއިލާއިން ހަތަރު މީހަކު އަދި އެހެން އާއިލާއަކުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަދި ސްރީ ލަންކާގެ ރައްޔިތަކު ވެސް އެ މައްސަލައިގައި ހައްޔަރު ކޮށްފައިވެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ސްރީ ލަންކާގެ ރައްޔިތަކީ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ވައްކަމުގެ މައްސަލައިގައި އެ ވޯކްޝޮޕުގެ ވެރިޔާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

"ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެއް އާއިލާއެއްގެ ތިން މީހަކު ހިމެނޭ ގެއެއްގެ ތެރެއިން ފައިސާތައް ހޯދާފައި ވަނީ،" ކުރިން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

ވައްކަމުގެ މައްސަލައިގެ މައުލޫމާތު ބީއެމްއެލުން ނުލިބުނެވެ. އަދި ފުލުހުން ވެސް ބުނީ އެ މައްސަލައިގައި އަދި މައުލޫމާތު ދެވެން ނެތް ކަމަށެވެ.