ބިޝާމް ވަކިކުރަން އަލުން ހުށަހަޅާނަން: އަބުޅޯ

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނެގީ އިތުރު ކަންތައްތަކެއް ހިމަނައި އެ މައްސަލަ އަލުން ހުށަހެޅުމަށް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ހޯމަ ދުވަހު ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު ހަމަ އެ ދުވަހު އޭނާ ވަނީ އެ މައްސަލަ އަނބުރާ ނަގައިފަ އެވެ.

މައްސަލަ އަނބުރާ ނެންގެވި ސަބަބާ ގުޅޭގޮތުން މެމްބަރު އަބުޅޯ "މިހާރު" އަށް ވިދާޅުވީ އޭނާ ކުރިން އެ މައްސަލަ ހުށަހެޅުއްވީ ފަސް ކަމެއް ފާހަގަކޮށް ކަމަށްވާއިރު އަނބުރާ ނެގީ އިތުރު ކަންތައްތަކެއް ހިމަނައިގެން އެ މައްސަލަ ހުށަހެޅުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަޖިލީހަށް އަނެއްކާވެސް އެ މައްސަލަ ހުށަހެޅާނެ ކަމަށް އަބުޅޯ ވިދާޅުވި އެވެ.

"މިކަން ނިމުނީއެއް ނޫން. އަލުން ހުށަހަޅާނަން. ބިޝާމް މަގާމުން ވަކިކުރެވޭނެ،" އަބުޅޯ ވިދާޅުވި އެވެ.

މެމްބަރު އަބްދުﷲ، އޭނާ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް މައްސަލަ އަލުން ހުށަހަޅުއްވާނެ ކަމަށް-- ފޮޓޯ: މިހާރު

އަނބުރާ ނެގި މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންކަން

- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޖީގެ އަމުރަށް، މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކުރިއިރު އެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަން ނުބެލުން. އޭގެ ބަދަލުގައި ޕީޖީ ބިޝާމް އަމަލުކުރެއްވީ ފުލުހުންގެ އިދާރާ އިން އެދޭ ކަމެއް ކުރެއްވުމުގެ އުސޫލުން. - ޕީޖީގެ އެދިވަޑައިގަތުމަކާ ނުލައި، މަޖިލީހުގެ މެމްބަރަކު އިޖުރާއަތުތަކާ ޚިލާފަށް ހައްޔަރުކޮށްފައި ބެހެއްޓިއިރު އެކަން ބަލައި ފިޔަވަޅު އެޅުމަށް ޕީޖީ މަސައްކަތް ކުރައްވާފައި ނުވުން. - ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލްތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު އެކަން ހުއްޓުވާފައި ނުވުން. - ގާނޫނާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ޝަރީއަތް ހިނގަމުންދިޔައިރު އެކަން ހުއްޓުވާފައި ނުވުމާއި ގާނޫނާ އެއްގޮތަށް އެކަން ކުރަން ބާރުއަޅާފައި ނުވުން. - ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ އަށް އޭނާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް، ޣައިރު ހާޒިރުގައި ހުކުމް ކުރަމުން ދިޔައިރު އެކަން ހުއްޓުވުމާއި ރަނގަޅު ކުރަން މަސައްކަތް ކުރައްވާފައި ނުވުން.

އެ ސަބަބުތަކާ ހުރެ ޕީޖީ ބިޝާމު މަގާމުން ވަކިކުރަން އޭރު ހުށަހެޅި މައްސަލާގައި އަބުޅޯ އެދިފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގައި ހުންނަވަނިކޮށް ޕީޖީއަކަށް އައްޔަން ކުރެއްވި ބިޝާމު، ސިޔާސީ އެތައް ބޭފުޅަކަށް ދައުވާ އުފުލާފައިވާއިރު އެއީ ރައީސް ޔާމީންގެ އެންގުމަށް ކުރިކަންތައްތަކެއް ކަމަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން ތުހުމަތު ކުރެ އެވެ.

ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.