ނިޔާޒުގެ މަގާމު ގެއްލުނު އިސްލާހު ބާތިލް ކުރުމުގެ މައްސަލައެއް ނުބެލޭނެ: ސުޕްރީމް ކޯޓް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމަށް މަގާމު ގެއްލޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ނިޔާޒްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.


އޮޑިޓާ ޖެނެރަލްގެ މަގާމުގައި ނިޔާޒު ހުންނަވަނިކޮށް، އާ އޮޑިޓާ ޖެނެރަލަކު އައްޔަން ކުރަންޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް 2014 ގައި ގެނައި އިސްލާހުގެ ސަބަބުން ނިޔާޒުގެ މަގާމު ވަނީ ގެއްލިފަ އެވެ. އެ އިސްލާހު ގާނޫނަށް ގެނައީ އޭރުގެ ސަރުކާރުން ބޭނުންވެގެންނެވެ.

އެ އިސްލާހު ބާތިލް ކުރަން ނިޔާޒްގެ ފަރާތުން 2014 ގައި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބާތިލްކޮށް، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގެ ގޮތުން ހައި ކޯޓުން އަމަލުކުރި އިޖްރާއާތުތައް ސުޕްރީމް ކޯޓުން ބާތިލްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ނިޔާޒްގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެ މައުޟޫއުގައި އެހެން ފަރާތަކުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި ކަމަށާއި އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓަކުން އެ މައްސަލަ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ނިޔާޒްގެ މަގާމު ގެއްލޭ ގޮތަށް އޮޑިޓް ގާނޫނަށް އޭރު އިސްލާހު ގެނައީ އޭރުގެ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ ކަންކަމާ ދެކޮޅަށް ނިޔާޒް މަސައްކަތް ފެއްޓެވުމުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ. މިހާރުގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެ މަގާމަށް އައްޔަން ކުރެއްވީ ނިޔާޒް މަގާމު ގެއްލުމުންނެވެ.