އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހް މިއަދު އައްޔަން ކުރައްވައިފި އެވެ.


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސ. މަރަދޫފޭދޫ ބަގީޗާގޭ ޝާހް، އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޝާހަކީ، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ޝާހަކީ އެ ޕާޓީގެ އެންވަޔަރުމަންޓް ކޮމިޓީގެ ޗެއާމަން ވެސް މެ އެވެ.

އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމްޕީއެލްގެ ޗެއާމަންކަން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިހާތަނަށް ވަނީ އެމްޓީސީސީގެ އިތުރުން އެމްއެމްޕީއާރްސީ އާއި އެމްޕީއެލް އާއި އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އަދި އެމްޑަބްލިއުއެސްސީ އަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކޮށްފަ އެވެ.

ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން މި ސަރުކާރުން މިހާތަނަށް މެނޭޖިން ޑިރެކްޓަރުން ހަމަނުޖައްސަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފެނަކަ އަށެވެ.