ޝަރުއީ ދާއިރާއަކީ އިތުބާރު ކުރާ ތަނަކަށް ހަދާނަން: މަސްތޫރު

ޝަރުއީ ދާއިރާ އަކީ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވި ވަކީލް މަސްތޫރު ހުސްނީ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސްގެ ފަރާތްޕުޅުން ޖޭއެސްސީ އަށް މަސްތޫރު އިއްޔެ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަގާމަށް އައްޔަން ކުރައްވާފައި ހުންނެވި ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އިސްތިއުފާ ދެއްވުމުންނެވެ.

ސިޔާސީ ބޮޑެތި ބައެއް ބޭފުޅުންގެ ހައްގުގައި ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގައި ކުރިން އިސްކޮށް އުޅުއްވި މަސްތޫރު "މިހާރު" އަށް ވިދާޅުވީ ޖޭއެސްސީގައި މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ހާސިލް ކުރުމަށް ކަމަށެވެ. އަދި އަމާޒަކަށް ވާނީ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ޝަރުއީ ދާއިރާ ހެދުން ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ބިނާ ކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވިގެންދާ ތަން ފެނުން ކަމަށް ވެސް ރައީސް ކުރިން ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ މަގްސަދަކީ އިންސާފުވެރިކަމާ އެކު ކޯޓުތަކުން ކަންކަން ނިންމާތޯ ބެލުމެވެ. އަދި ކޯޓުތަކަކީ އިންސާފުވެރި، ރައްޔިތުން އިތުބާރު ކުރާ "އަތްފޯރާފަށުގައި" ހުރި ނަޒާހަތްތެރި ބަޔަކު ތިބޭ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް މަސްތޫރު ވިދާޅުވި އެވެ.

މީގެ އިތުރުން، ފަނޑިޔާރުންނާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ހުށަހަޅައިފި ނަމަ، އެކަމާ މެދު ގޮތެއް ނިންމުމަކީ ޖޭއެސްސީގެ މައިގަނޑު މަސްއޫލިއްޔަތެއް ކަމަށް މަސްތޫރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ މަގްސަދަކީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ރައީސްގެ ވައުދުފުޅާ އެކު މަސައްކަތް ކުރުން." ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ ހައްގުގައި ކޯޓުގައި ވަކާލާތު ކުރެއްވި މަސްތޫރު ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ޝަރުއީ ދާއިރާ ހެދޭނީ އިންސާފުވެރިކަމާ އެކު މައްސަލަތައް ނިންމައިގެން އަދި އަވަހަށް މައްސަލަތައް ކޯޓުތަކުން ނިންމައިގެންނެވެ. އަދި ފަނޑިޔާރު ކަމަށް ގާބިލް ބޭފުޅުން ތިއްބަވަން ޖެހޭނެ ކަމަށް މަސްތޫރު ވިދާޅުވި އެވެ.

އެހެންވެ، ޖޭއެސްސީގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުން ވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ކުރާ އިތުބާރު އަލުން ގާއިމުވެގެންދާ ތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.