އެމްޓީޑީ އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ ބާއްވަނީ

އަލަށް އުފެއްދުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އުފެއްދުމުގެ އާންމު ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.


ވިިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފައްދާ އެމްޓީޑީއަށް، އެ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ.

އެމްޓީޑީ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ މާދަމާ ރޭ ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މީޑިއާތަކަށް އާންމުކޮށް ހުޅުވާލައިގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު އޮންނަ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށް ދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި 300 މީހުން މަދުވެގެން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ. އެމްޑީޓީ އިން ކުރިން ވަނީ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އެމްޓީޑީ އުފެއްދުމަށް ބާއްވާ އާންމު ޖަލްސާ މާދަމާ ރޭ ބާއްވާއިރު، އަލަށް އުފެއްދުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އަށް ވެސް ވަނީ އެ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު އެ ޕާޓީގެ އެ ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިންއިރު، އަލަށް އުފައްދަން ހުށަހެޅި އެހެން ދެ ޕާޓީއެއްގެ ނަން އެކަށީގެން ނުވާތީ އެ ދެ ޕާޓީއަށް ހުއްދަ ނުދޭން ކޮމިޝަނުން މިދިޔަ ހަފުތާގައިވަނީ ނިންމައިފަ އެވެ.