އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުންނެވިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ ކަމަށް، އޭނާ އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.


ސިއްހީ ސަބަބުތަކަށްޓަކައި ޑޮކްޓަރުގެ ލަފާގެ މަތިން ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ރޭ އަދީބު މާފުށީ ޖަލަށް ބަދަލުކުރުމުން އެމްޓީޑީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބާ ގުޅޭގޮތުން ކުރިން އަމަލުކޮށްފައިހުރީ ގޯސްކޮށްކަން މިހާރު އެނގެމުން އަންނަ ކަމަށެވެ.

ކުރިން މައްސަލަތައް ބަލާފައި ހުރި ގޮތްތަކާއި "މައްސަލަތަކުގައި ނުފޮރެޅޭ ގާތަކާއި އެ ހުރިހާ އެއްޗެއް" މިހާރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އެ މައްސަލަތަކުގެ ހަގީގަތަށް ފީނެންޖެހޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ޕާޓީގެ ފަރާތުން ގޮވާލަނީ އަދީބުގެ މައްސަލަތަކަށް އަލުން އެބަޖެހޭ ބަލައި އިއާދަކުރެވެން" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައިނއަދީބު މިވަގުތު ހުންނެވީ ސިޔާސީ ބަންދެއްގަ އެވެ. ނޫނީ އޮޅުމެއްގެ ތެރޭގައި ހުންނެވި ބަންދެއް ކަމަށާއި އެކަންކަމަށް ރިއާޔަތްކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އަދުލް އިންސާފު ގާއިމްވާނީ އިޖުތިމާއީ ހަމަހަމަކަމާއި އަދުލު އިންސާފުގެ ހަމަހަމަކަމާއި ހުރިހާ ހަމަހަމަކަމެއް ލިބިގެން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އަދީބު ހައްޔަރުކުރުމުން އެމްޓީޑީއަށް ދެން ވާނެ ގޮތަކާ މެދު އާއްމު މެމްބަރުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެކަމަކު އަދީބު ހައްޔަރުކުރިއަސް ޕާޓީއަށް އެއްވެސް ގޮތެއް ނުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ޕާޓީއަށް އާ ހިތްވަރެއް، މިކަންކަމުން ލިބިގެން ގޮސްފައި މިވަނީ. ޕާޓީން މަސައްކަތް ކުރާނެ އިތުރު ދިމާތަކެއް، ދޮރުތަކެއް މިހާރު ހުޅުވިފައި މިވަނީ. އެކަންކަމަކީ އިތުރު މައްސަލަތަކެއް އައިމަ ސިޔާސީގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ވެސް އެބަހުރި އަދި ދައްކަން ޖެހޭ ވާހަކަތަކެއް ވެސް އެބަހުރި،" ޔާމިން ވިދާޅުވި އެވެ.

އެމްޓީޑީގެ މިހާރު އެންމެ މުހިއްމު މަސައްކަތަކީ އަދީބު މިނިވަންކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދަށް ބަދަލުކުރުމާއެކު ވަނީ އެމްޓީޑީ އުފައްދަވައިފަ އެވެ. އަދި އެ ޕާޓީގެ ރައީސަކަށް އަދީބު އައްޔަންކޮށްފައި ވެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫން އެހެން މަގާމެއް އޭނާއަށް އަދާނުކުރެއްވޭނެ ކަމަށެވެ.