އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އެކަމަކު ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ މިރޭ ޖަލަށް ގެންގޮސްފި އެވެ.


މިދިއަ ނޮވެމްބަރު 27 އިން ފެށިގެން އަދީބު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެކަމަކު ކުށްވެރިއެއް ނަމަވެސް، އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ވަނީ އުފައްދަވައިފަ އެވެ.

އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ގެންދިޔައީ ފަރުވާއަށް ގޭގައި ހުންނަވަން ޖެހޭ ކަމަށް ބުނެ ޑޮކްޓަރުން ދިން މުއްދަތު ހަމަވުމުގެ ކުރިންނެވެ. އެ މުއްދަތު ހަމަވާނީ، އޭނާ ވިދާޅުވި ގޮތުގައި، މި މަހު 27 އަށެވެ.

ޖަލަށް ގެންދަން ބަލާ، ކަރެކްޝަނަލް ސާވިސްގެ އޮފިސަފަރުން ގެޔަށް ދިއުމުން އެ މީހުންނާ އަދީބު އެ ސުވާލުކުރެއްވި ކަމަށް ވެސް، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން އިންތިހާބުވެ، ފަހުން ޕީޕީއެމަށް ބަދަލުވެ އަދި އެމްޓީޑީ އުފައްދަން އުޅުމުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.

އަދީބު ގޭބަންދުގައި ހުންނެވި ގޭ ކައިރީގައި ފުލުހުން: އޭނާ އަނބުރާ ގެންދަނީ ޑޮކްޓަރުން ދިން މުއްދަތު ހަމަވުމުން ކަމަށް ވޭ --މިހާރު ފޮޓޯ/އާސިމާ ނިޒާރު

"އަދި މުއްދަތު ހަމަނުވާ ކަމަށް ވިދާޅުވީމާ [އޮފިސަރުން] ވިދާޅުވި ތިމަންނާމެންނަށް މަތިން އަންގަވާފައޭ އޮތީ. އޭގެ އިތުރަކަށް އިތުރު ތަފުސީލެއް އެބޭފުޅުންނެއް ނުދެއްވާ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީޑީން އުއްމީދުކޮށްގެން ތިބީ އަދީބު އަނބުރާ ދެން ޖަލަށް ނުގެންދާނެ ކަމަށެވެ. އެހެންކަމުން އޭނާ އަނބުރާ ޖަލަށް ގެންދިޔަ ގެންދިއުން ޕާޓީން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޭނާ ގޮވާލެއްވީ އަދީބަށް ބޭސްފަރުވާގެ ފުރުސަތު ދިނުމަށްޓަކައި ކުރިން ހުންނެވި ގޮތަށް އަނބުރާ ގެއަށް ބަދަލުކުރުމަށެވެ.

ގެއިން ނެރެގެން އަދީބު ގެންދިޔައީ ފުލުހުންގެ ވެސް ބެލުމުގެ ދަށުންނެވެ. އޭނާ އެރުވީ ކަރެކްޝަންގެ ވޭނަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު ސިޔާސީ މަސައްކަތް ފެއްޓެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

އެމްޓީޑީ އުފެއްދީ އޭނާ ގެޔަށް ބަދަލުކުރުމާ އެކުހެންނެވެ. އަދި އެ ޕާޓީގެ ރައީސްގެ މަގާމަށް އޭނާ އައްޔަން ވެސް ކުރި އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫން އެހެން މަގާމެއް އަދާނުކުރެއްވޭނެ ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ގޭގައި ބަހައްޓަން ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން، އަދީބު އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.